Ads by Farudhun

ޚަބަރު

ޤައިދީންނަކީ އަމިއްލަ ވިޔަފާރި ހިންގޭނެ ފަންނުވެރި ބަޔަކަށް ހަދަންޖެހޭ: ވަޒީރު އިޙްސާން

ޤައިދީންނަކީ އަމިއްލަ ވިޔަފާރި ހިންގޭނެ ފަންނުވެރި ބަޔަކަށް ހަދަންޖެހޭ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 10:23

01 ޖުލައި 2026، 10:23

ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމަޢަށް ނުކުންނަ ޤައިދީންނަކީ އެހެން ބައެއްގެ ދަށުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި ހިންގޭ ފެންވަރުގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން ގުޅިގެން ބިނާކުރި އެ ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްސޭރި ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ޤައިދީންނަށް ހަމައެކަނި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ބަދަލުގައި، ވިޔަފާރި މެނޭޖްކުރާނެ ގޮތާއި، ފައިސާ ބަލަހައްޓާނެ ގޮތް ފަދަ މުހިންމު ތަމްރީނުތައް ދޭންޖެހޭ ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވޭ މި ބޭފުޅުންގެ އަމިއްލަ ކުންފުނިތައް އުފެދެން. މި ބޭފުޅުންގެ އަމިއްލަ ފަންނުން، ލީޑު ކުރާ ކޮންޓްރެކްޓް ގްރޫޕްތައް ފެންނަން،" ވަޒީރު ވިދާޅުވިއެވެ. މިފަދަ ޕްރޮގްރާމްތައް ފަރުމާކޮށް، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ޤައިދީން ބިނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަޒީރު އިރުޝާދު ދެއްވިއެވެ.

އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުން
ޤައިދީންނާއި ޖަލު އޮފިސަރުންގެ އަމިއްލަ މަސައްކަތުން ބިނާކުރި އައު އޮފީސް އިމާރާތަކީ ކުރިން ބޭނުންކުރި 400 އަކަފޫޓުގެ ކުޑަ އޮފީހުގެ ބަދަލުގައި، ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައު އިމާރާތުގައި ކްލާސްރޫމަކާއި މީޓިންގ ރޫމެއް ހިމެނޭއިރު، މީގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މި ޒިޔާރާތުގެ ތެރެއިން ވަޒީރު ވަނީ އައްސޭރި ޖަލުގައި އަލަށް ބިނާކުރާ ބަދިގެ އިމާރާތުގެ ބިންގާވެސް އަޅުއްވައިދެއްވާފައެވެ. މިއީ ޖަލުގެ ކެއިންބުއިމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން، ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ދީނީ އަދި ފަންނީ އެކި ޕްރޮގްރާމްތައް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް، ކަރެކްޝަންސް އިންސްޓިޓިއުޓުން އަލަށް ފެށި ޤިރާތު ސެޓްފިކެޓް 1 ކޯސްވެސް ވަނީ އިފްތިތާޙްކޮށްފައެވެ.

ޖަލުގެ މާޙައުލަކީ ޤައިދީން އިޞްލާޙުވެ، ދުޅަހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުންނަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން، 7 ޓީމު ބައިވެރިވާ ފުޓްސަލް މުބާރާތެއްވެސް ވަޒީރު ވަނީ ފައްޓަވައިދެއްވާފައެވެ. މި ހުރިހާ ހަރަކާތްތަކަކީވެސް ޤައިދީންގެ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ކަންކަން ކަމަށް ދާޚިލީ ވުޒާރާއިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450