ޚަބަރު
މަސްވެރިކަމުގެ ސިނާއަތަށް މީހުން ބިނާކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގަނީ
މަސްދޯންޏެއްގައި މަސްބާނަނީ
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ދާއިރާއަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްތަކަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމަށާއި، މަހުގެ އުފެއްދުންތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ހިންގާ ހަރަކާތްތަކެކެވެ.
މި ތަމްރީންތަކުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މަހާއި މަހުގެ އަގުއެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، އައު މާކެޓްތައް ހޯދުމުގެ އިތުރުން ރާއްޖެއަށް އައު މަސްވެރިކަމުގެ ބާވަތްތައް ތައާރަފްކޮށް އެކަން ދަސްކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކުރުމާއި، ރަށު ފެންވަރުގައި ތައްޔާރުކުރާ މަސްވެރި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނެއެވެ.
2026 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީންތައް
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު މައިގަނޑު ދެ ދާއިރާއަކުން ކުރު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އެއީ:
ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ގެ މަސްވެރިކަމުގެ ތަމްރީން.
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން.
މި ތަމްރީންތައް އެ ރަށެއްގައި ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވުޒާރާއަށް ސިޓީއަކުން އަންގަންވާނެއެވެ. ސިޓީ ފޮނުވާއިރު، ކައުންސިލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެއްގެ ނަމާއި، މަގާމު އަދި ގުޅޭނެ ނަންބަރު ހިއްސާކުރަން ޖެހެއެވެ.
މި ޕްރޮގްރާމްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 3033426 ނުވަތަ 3339276 އާ ގުޅުއްވުމަށް ވުޒާރާއިން ވަނީ އެދިފައެވެ.