ޚަބަރު
މާލޭ ހުކުރު މިސްކިތުގެ މުންނާރު ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި - މިނިސްޓަރު ހީނާ
މިނިސްޓަރު ހީނާ - ފޮޓޯ: ރައީސް އޮފީސް
މާލޭ ހުކުރު މިސްކިތުގެ މުންނާރު ބެލެހެއްޓުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު އުވަ ހޯދުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މިނިސްޓަރު ހީނާ ވަލީދު (ހީނާ) ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ މުޅި ރާއްޖެއިން ބަލައިގަންނަ، ތާރީޚީ ގޮތުންނާއި އާސާރީ ގޮތުން ނުހަނު އަގުބޮޑު ބިނާއެއް ކަމަށެވެ. އަދި އެތަނަކީ ވަކި ޚާއްޞަ މިންގަނޑުތަކަކަށް ބަލައިގެން ބަލަހައްޓަމުންދާ ތަނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މުންނާރު ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މުންނާރުގައި އުވަލުމަށް ބޭނުންވާ ފެންވަރު ރަނގަޅު އުވަ ހޯދުމަކީ މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން، މުންނާރުގައި އުވަލުމަށްފަހު ހިކެން ނަގާ ވަގުތުތަކުގައި ވިއްސާރަވުމަކީ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މުންނާރުގައި އުވަލުމާއި ދޭންޖެހޭ ފަރުވާތައް ދެނީ ވަކި މުއްދަތުތަކަކަށް ބަހާލައިގެން. އެހެންނަމަވެސް، މުންނާރު ހަޑިވެ ނުވަތަ ހަލާކުވަމުންދާކަން ފާހަގަކުރެވިއްޖެ ނަމަ، ގައުމީ ތަރިކަ ރައްކާކުރާ މަރުކަޒުގެ ފަރާތުން އަބަދުވެސް އެކަންކަން ބަލައި، ދޭންޖެހޭ ފަރުވާދީ މޮނީޓާ ކުރަމުންދާނެ،"
މިނިސްޓަރު ހީނާ ވިދާޅުވިއެވެ.
މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1 ވަނަ) ގެ ރަސްކަމުގައި، 1674 އާއި 1675 އާ ދެމެދު ބިނާކުރެއްވި ތަނެކެވެ. މި މުންނާރު ބިނާކުރެއްވީ އެ ރަދުން މައްކާއަށް ކުރެއްވި ޙައްޖު ދަތުރުފުޅުގައި އެ ސަރަޙައްދުގެ މިސްކިތްތަކުގެ މުންނާރުތައް ދެކެވަޑައިގެން، އެއިން ލިބިވަޑައިގެންނެވި ހިތްވަރަކާއެކުގައެވެ.
ހުކުރު މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ފަދަ މޮޅު ހިރިގަލުގެ މަސައްކަތްތަކުގެ ފަންނުވެރިކަން ފެންނަން ހުރި، ޔުނެސްކޯގެ ވަގުތީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނެކެވެ. 1665 ވަނަ އަހަރު ބިނާކުރެވުނު މި މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އާސާރީ ބިނާއެވެ.
އަދުގެ ސަރުކާރުން މި ފަދަ ތަންތަން ހިމާޔަތްކޮށް ރައްކާކޮށް، ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވައެވެ.