Ads by Farudhun

ޚަބަރު

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 15 ގޮތްޕެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ވުޒާރާއިން ހާމަކޮށްފި

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 15 ގޮތްޕެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ވުޒާރާއިން ހާމަކޮށްފި

ފުވައްމުލަކު ޤުރުައާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 12:50

01 ޖުލައި 2026، 12:50

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާރު 15 ގޮތްޕެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

 މިއީ މުޅި ރާއްޖެއަށް ޤުރުއާނުގެ އިލްމު ފުޅާކޮށް، ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާން ވިދާޅުވީ، މީގެ ކުރިން ހުރި ގޮފިތަކަކީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްގެން ހިންގި ތަންތަން ނޫން ކަމަށެވެ.

ނަމަވެސް މިހާރު ޤުރުއާނާ ބެހޭ މަރުކަޒު ވަކި އިންސްޓިޓިއުޓެއްގެ ދަރަޖައަށް ބަދަލުވުމާއެކު، ހުރިހާ ގޮފިތަކެއްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ މިންގަނޑުތަކަށް ފައްތައި، ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދާން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 50 ގޮފީގެ ތެރެއިން 35 ތަނެއްގެ ރަޖިސްޓްރޭޝަން މަސައްކަތް ވަނީ ނިމިފައެވެ. އަދި މީގެ ތެރެއިން 25 ތަނެއްގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފައެވެ. މި ގޮފިތަކަށް ބޭނުންވާ މުދައްރިސުން ހޯދުމަށް ސަރުކާރުން ބަޖެޓު ހަމަޖައްސާފައިވާއިރު، މުދައްރިސުން ލިބުން ދަތި ރަށްރަށަށް ބިދޭސީ މުދައްރިސުން ގެނައުމަށް ވަނީ ނިންމާފައެވެ. "މުދައްރިސުން ގެންނައިރުވެސް އެއީ އިމާމްވެ ތަރާވީޚް ނަމާދުކުރާ، އަރަބިބަސްވެސް ކިޔަވައިދޭ މުދައްރިސުންކަން ބަލަން،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ތަރައްޤީކުރަމުންދާ 15 ގޮފީގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ތަންތަނަކީ އެކި ރަށްރަށުން އެދިގެން ޤާއިމްކުރާ ތަންތަނެވެ. މީގެ އިތުރުން، އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒުތަކުގައިވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ސަރުކާރުން ޤުރުއާނުގެ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ބޮޑުކޮށްފައިވާއިރު، ޤައުމީ ޤުރުއާން މުބާރާތަކީ މިހާރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައްދޭ މުބާރާތަށް ވަނީ ހަދާފައެވެ. މީގެ އިތުރުން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް، ހިފްޒު ކޮމިޓީތަކުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450