ޚަބަރު
ގައުމީ ދާރުލްއާސާރުގެ އެއްވެސް ބޮޑު މަރާމާތެއް މީގެކުރިން ކޮށްފައެއް ނުވޭ: ވަޒީރު ހީނާ
މިނިސްޓަރު ހީނާ - ފޮޓޯ: ރައީސް އޮފީސް
ގައުމީ ދާރުލްއާސާރު ގާއިމުކުރެވުނު ފަހުން މިހާތަނަށް އެތަނުގެ އޮނިގަނޑަށް ބަދަލު އަންނަ ފަދަ އެއްވެސް ބޮޑު މަރާމާތެއް އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދާރުލްއާސާރުގެ ހާލަތު ބެއްލެވިއިރު، އެތަން ވަނީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އެތަނަށް ބޮޑު މަރާމާތެއް ގެނެސްފައި ނުވާތީ، އިމާރާތުގެ ހާލަތު މިހާރު ހުރި ގޮތުން މަރާމާތު ކުރުން ވަނީ މަޖުބޫރުވެފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިނިސްޓަރުކަމާ ހަވާލުވުމަށްފަހު އެތަން ބަލާލިއިރު ފާހަގަވީ ގައުމީ ދާރުލްއާސާރު މީގެ ކުރިން ދުވަހަކުވެސް މަރާމާތުކޮށްފައި ނުވާކަން. އެހެންކަމުން މިހާރު ދާރުލްއާސާރު ވަނީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި،"
ހީނާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދާރުލްއާސާރު މަރާމާތު ކުރުމުގެ އިތުރުން، އެތަނުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށްޓަކައި ޑިޖިޓައިޒް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ދާރުލްއާސާރުގެ ގޮތްޕެއްގެ ގޮތުގައި "އިންޓްރެކްޓިވް އިމާސިވް މިއުޒިއަމް" އެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހީނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން ދާރުލްއާސާރުގެ ޚިދުމަތްތައް ފުޅާވެ، އެތަން ބަލާލުމުގެ ފުރުސަތު އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަރާމާތުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.