ޚަބަރު
ސިވިލް ސާރވަންޓުން މަސައްކަތް ފެށޭ ގަޑިއަށް ހާޒިރުވުމުގައި ބޮޑު ލުޔެއް ދީފި
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގް---
ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ފެށޭ ގަޑިއަށް އޮފީހަށް ހާޒިރުވުމުގައި ބޮޑު ލުޔެއް ލިބޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ގެނައި މި އިސްލާހާ ގުޅިގެން، ދިމާވާ ހާއްސަ ހާލަތެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ "ބަފަރ ޓައިމް" އެއް މިހާރު މުވައްޒަފުންނަށް ލިބޭނެއެވެ. މި ބަފަރ ޓައިމަކީ މުވައްޒަފުންނަށް ދިމާވާ ކުއްލި ދަތިތަކާ ގުޅިގެން، އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެކެވެ.
އައު ގަވާއިދުގައިވާ ގޮތުން، ބަފަރ ޓައިމްގެ ގޮތުގައި ކަނޑައަޅާފައިވާ 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާ މުވައްޒަފުން، އެކަން ދިމާވި ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭނެއެވެ. އަދި ބަފަރ ޓައިމްގެ ތެރޭގައި އޮފީހަށް ހާޒިރުވާ މިންވަރަށް ބަލައި، އޮފީސް ނިމޭ ގަޑި އެ މިންވަރަށް ފަސްކުރުމުގެ ފުރުސަތު ވެސް މުވައްޒަފަށް ލިބިގެންދާނެއެވެ. ނަމަވެސް، ރަސްމީ ގަޑި ފެށޭތާ 30 މިނެޓަށް ވުރެ ފަސްކޮށް އޮފީހަށް ހާޒިރުވާ މުވައްޒަފުން ބަލާނީ ގަޑި ޖެހުނީ ކަމަށެވެ. އަދި 30 މިނެޓަށް ވުރެ ފަސްވާ ހާލަތްތަކުގައި ގަޑި ރަނގަޅު ނުކޮށްދެވޭނެ ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި ގެނެވުނު އިސްލާހުގައި މިސްކިތްތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ވަގުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތަށް ހާޒިރުވާން ޖެހޭނެއެވެ. އަދި މިސްކިތްތައް ފޮޅާ ސާފުކުރާ މަސައްކަތު މުވައްޒަފުން، ކޮންމެ ފަރުޟު ނަމާދަކަށް މިސްކިތް ތައްޔާރުކުރުމަށާއި ނަމާދަށްފަހު ސާފުކޮށް ބެލެހެއްޓުމަށްޓަކައި، ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ހާޒިރުވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.
ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މިސްކިތު މުވައްޒަފުން ކޮންމެ ނަމާދު ވަގުތަކަށް މަދުވެގެން 30 މިނެޓު މިސްކިތުގައި ހޭދަކުރަން ޖެހޭނެއެވެ. އަދި މިސްކިތުގެ މަސައްކަތު މުވައްޒަފުން ދުވާލަކު މަދުވެގެން 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަން ޖެހޭނެ ކަމަށް ވެސް ސިވިލް ސަރވިސްގެ އައު އިސްލާހުގައި ކަނޑައަޅާފައިވެއެވެ.