Ads by Farudhun

ޚަބަރު

ފުލުހުންގެ އަސާސީ ތަމްރީނު މަންހަޖު ޒަމާނީކޮށް، 43 ވަނަ ކޯހުން ފެށިގެން އަމަލީގޮތުން ތަންފީޒުކުރަނީ

ފުލުހުންގެ އަސާސީ ތަމްރީނު މަންހަޖު ޒަމާނީކޮށް، 43 ވަނަ ކޯހުން ފެށިގެން އަމަލީގޮތުން ތަންފީޒުކުރަނީ

ސީޕީ އަޙްމަދް މުޙައްމަދު. ފޮޓޯ: ޕޮލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2026، 08:29

03 ޖުލައި 2026، 08:29

ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި، އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން ގެނެވޭ ބަދަލުތައް ކުރިއަށް އޮތް ފުލުހުންގެ 43 ވަނަ އަސާސީ ތަމްރީނު ކޯހާ އެކު އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މި ބަދަލުތައް އިއުލާންކުރެއްވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުނު ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ، "އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު، މި ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން" ކަމަށެވެ. އަދި އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، އަދި ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ސީޕީގެ ވާހަކަފުޅުގައި، ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަމްރީނު މަރުކަޒުތަކަކީ ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަންތަނަށް ހެއްދެވުމަށާއި، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހެއްދެވުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ސީޕީ ޝުކުރު އަދާކުރެއްވިއެވެ.

ދަސްވެނިވި އޮފިސަރުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. އަދި ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ހުންނަ ރޭންކެއް ނޫން ކަމަށާއި، އެއީ "ކުށެއްގެ ނުރައްކަލުން ސަލާމަތްވި ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ވާޖިބެއް ކަމަށާއި، ހުރިހާ އަމަލުތަކެއްގައިވެސް މާތްﷲ ބައްލަވާވޮޑިގެންވާކަން ހަނދާނުގައި ބެހެއްޓުމަށް ސީޕީ ނަސޭހަތްތެރިވެވަޑައިގަތެވެ. ވާހަކަފުޅު ނިންމަވާލައްވަމުން، ކޮލެޖްގެ ހިންގުންތެރިންނާއި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަށް ސާބަސް ދެއްވައި، ދަސްވެނިވި އޮފިސަރުންނާއި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ތަހުނިޔާ ރައްދުކުރެއްވިއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450