ޚަބަރު
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ޑިއުޓީ ކަނޑާލައިފި
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމާފައިވާކަމަށް އިންޑިއާގެ ރަސްމީ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.
ރާއްޖެއިން އާންމުކޮށް ތެލުގެ ބާވަތްތައް އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ނަމަވެސް، ޚުރުމޫޒް ކަނޑުއޮޅީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވިޔަފާރިތަކަށާއި ދުނިޔޭގެ ހަކަތައިގެ ސިނާއަތަށް ބުރުއަރާފައިވާ މިދަނޑިވަޅުގައި، ރާއްޖެއިން ވަނީ އަވައްޓެރި އިންޑިއާއިން ތެޔޮގަތުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ ރާއްޖެ ހިމެނޭހެން ބައެއް އަވައްޓެރި ގައުމުތަކަށް އެ ގައުމުން ބޭރުކުރާ ތެލުގެ ބާވަތްތަކުން ނަގާ 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ' އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' ކަނޑާލަން ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ޑިއުޓީއާ ގުޅޭ ގާނޫނަށް ގެނައި އިސްލާހާއެކު، މީގެކުރިން މި ލުއިތައް ދެމުންދިޔަ ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ލިސްޓަށް މިހާރު ރާއްޖެ ވެސް ވަނީ އިތުރުކޮށްފައެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އޮމާން، ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީ ހިމެނެއެވެ. އިންޑިއާގެ މި ނިންމުމާއެކު ތެޔޮ އެތެރެކުރާ މަސްދަރުތައް އިތުރުވެ، އަގުތަކަށް ހެޔޮ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.