ޚަބަރު
ޖަޕާނުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފުރުސަތުތައް ދައްކާލުމަށް ޚާއްސަ ވެބިނާއެއް ބާއްވަނީ
ޖަޕާންގެ ކަމާ ގުޅޭ އިދާރާއާ އެކު ބޭއްވި ބައްދަލުވުން ފޮޓޯ: ޖަޕާން ސަފީރު
ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގެ ވިޔަފާރީގެ މާހައުލާ ގުޅޭ މައުލޫމާތު ޖަޕާނުގެ ވިޔަފާރިވެރިންނަށް ހިއްސާކުރުމަށްޓަކައި ޚާއްސަ ވެބިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީ އާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޮގަނައިޒޭޝަން (ޖެޓްރޯ) ގުޅިގެން ބާއްވާ މި ވެބިނާ އޮންނާނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ޖެޓްރޯއަކީ ޖަޕާނުގެ ވިޔަފާރިތަކުން ބޭރު ގައުމުތަކުގައި އިންވެސްޓްކުރުމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އެ ގައުމުގެ ރަސްމީ ޖަމިއްޔާއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، "މޯލްޑިވްސް އިންވެސްޓްމަންޓް ވެބިނާ" އަށް ޖަޕާނުގެ ވިޔަފާރިތަކަށް މިހާރު ދައުވަތު ދީފައިވާ ކަމަށެވެ. އަދި ވެބިނާގައި ބައިވެރިވާނެ ވިޔަފާރިތައް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ޖެޓްރޯއިން ކަމަށްވެސް ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގެވުމުގެ މަތީން ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި، މިހާރު ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް މި ވެބިނާގެ ތެރެއިން ޖަޕާނުގެ އިންވެސްޓަރުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށެވެ.
މި ވެބިނާގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ސަފީރު މަޚްލޫފްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާހަކަފުޅު ދައްކަވާނެއެވެ. މީގެއިތުރުން ޖެޓްރޯ، ޖަޕާނުގެ އިކޮނޮމިކް މިނިސްޓްރީ އަދި ޖައިކާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވެބިނާ އިންތިޒާމު ކުރުމުގައި ޖެޓްރޯއިން ދޭ އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. ސަފީރު މަޚްލޫފް ޖަޕާނަށް ވަޑައިގެންނެވީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެ ފަހުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް ޖަޕާނުގެ ވިޔަފާރިވެރިން ޝައުގުވެރިކުރުވުމަށް ސަފީރު ގެންދަވަނީ ގިނަ މަޝްވަރާތަކެއް ކުރައްވަމުންނެވެ. މި ވެބިނާއަކީ އެ މަޝްވަރާތަކުގެ ނަތީޖާއެކެވެ.
Embassy of the Republic of Maldives in Japan, in collaboration with Japan External Trade Organization (JETRO) invites Japanese businesses to the Maldives Investment Webinar on 23 July 2026 (14:00–15:30 JST).
— Ahmed Mahloof (@AhmedMahloof) July 2, 2026
The webinar will introduce investment opportunities and the business…