Ads by Farudhun

ޚަބަރު

ޞާލިޙްގެ ވެރިކަމަށް ވުރެ ޕީއެންސީގެ ވެރިކަން މާ ހިތްފަސޭހަ : ކުރީގެ ރައީސް ޔާމީން

ޞާލިޙްގެ ވެރިކަމަށް ވުރެ ޕީއެންސީގެ ވެރިކަން މާ ހިތްފަސޭހަ : ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮޓޯ:ޗެނަލް 13

farudhun logo

ފަރުދުން

04 ޖުލައި 2026، 12:28

04 ޖުލައި 2026، 12:28

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ވުރެ، މިހާރު އޮތް ޕީއެންސީގެ ވެރިކަން މާ ހިތްފަސޭހަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފް އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް ގެނައުމަކީ ކުރެއްވި "ކުށެއް ނޫން" ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެއީ އަޅުގަނޑުމެން ކުރި ކުށެއްނޫން މިއީ ދެއްތޯ، އަޅުގަނޑުމެންނަށް އޮތީ މިއަށްވުރެ ނުބައި ޝައިޠާނެއް، ބޮޑު ޝައިޠާނެއް އިނގޭތޯ

      ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އެއްވެސް ދިވެއްސަކަށް ވީ ފައިދާއެއް ނެތް ކަމަށާއި، އެމްޑީޕީގެ ވެރިކަން އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން، މިހާރުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ވެރިކަމަށް ވުރެ މި ވެރިކަން އަދިވެސް ހިތްފަސޭހަ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕީއެންސީގެ ވެރިކަން ފެށުމުގެ ކުރިން ޔާމީން ހުންނެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަގާމުގައެވެ. ނަމަވެސް، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލި، ރިޔާސީ ޓިކެޓް ޑރ. މުޢިއްޒަށް ދޫކޮށްލައްވަން ޖެހިވަޑައިގަތީއެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޔާމީން ވަނީ އެ ކޯލިޝަނުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 25 ގައެވެ. އޭގެ ފަހުން ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ސިލްސިލާކޮށް ޖަލްސާތައް ބާއްވައި، މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މީގެ އިތުރުން، ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ މަޝްވަރާކުރައްވައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް ޔާމީން ވަނީ ދާދިފަހުން އެއްބަސްވެވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450