ޚަބަރު
ރައީސް މުޢިއްޒުގެ ސިޔާސަތުގެ ދަށުން 11 ރަށެއްގައި މިހާތަނަށް އަލަށް ޑައިލަސިސް ޚިދުމަތް ފަށައިފި
ހުޅުމާލެ ޑައިލަސިސް ސެންޓަރ ހުޅުއްވައިދެއްވުން ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ 11 ރަށެއްގައި މުޅިން އަލަށް ޑައިލަސިސްގެ ޚިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅުތެރޭގެ ރަށްރަށުގައި މި ޚިދުމަތް ގާއިމުކުރުމަށް ފެއްޓެވި މަސައްކަތުގެ ދަށުން މިހާތަނަށް 11 ރަށެއްގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 9 ރަށެއްގައި މި ޚިދުމަތް ފެށުމެވެ. ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، މިއަހަރުގެ ތެރޭގައި އެ ރަށްރަށުގައި ޑައިލަސިސް ޚިދުމަތް ގާއިމުކުރެވޭނެއެވެ.
- ހއ . އަހަވަންދޫ ހެލްތު ސެންޓަރު
- ށ. ފުނަދޫ ހޮސްޕިޓަލް
- ނ. ވެލިދޫ ހޮސްޕިޓަލް
- ބ.ދަރަވަންދޫ ހެލްތު ސެންޓަރު
- އއ. ރަސްދޫ ހޮސްޕިޓަލް
- އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް
- މ. މުލި ރީޖަނަލް ހޮސްޕިޓަލް
- ތ. ވޭމަންޑޫ ހޮސްޕިޓަލް
- ގއ.ވިލިގިލި ހޮސްޕިޓަލް
- ދ.ކުޑަހުވަދޫ ހޮސްޕިޓަލް
- ލ.ކޮމަންޑޫ ހެލްތު ސެންޓަރު
ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި އިތުރުވަމުންދާއިރު، މި ސަރުކާރު އައުމުގެ ކުރިން މި ޚިދުމަތް ލިބެމުންދިޔައީ ހަމައެކަނި ސަރަހައްދީ ހޮސްޕިޓާތަކާއި މާލޭ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓާތަކުންނެވެ. މީގެ ސަބަބުން ބަލިމީހުންނާއި އާއިލާތަކުން ޚިދުމަތް ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުނެވެ.
ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިއްމު އެއް އަމާޒަކީ އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުން ލިބޭ ޚިދުމަތްތައް ފުޅާކޮށް، ބޭސްފަރުވާއަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ޖާގަ އިތުރުކޮށް، ޚިދުމަތް ދޭނެ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
ޑައިލަސިސްގެ އިތުރުން، ރަށްރަށުގައި އަސާސީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހުރިހާ ރަށެއްގައި ޞިއްޙީ ލެބޯޓަރީތައް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ޞިއްޙީ ވުޒާރާއިން ބުނި ގޮތުގައި މިއަހަރުގެ ތެރޭގައި އެކަނިވެސް 76 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ފެށިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ދިރިއުޅޭ ރަށުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތެކެވެ.