ޚަބަރު
ޚާއްސަ ޙާލަތްތަކުގައި އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ އުސޫލު ޢާއްމުކޮށްފި
ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ އޮފީސް ހުންނަ ވެލާނާ ބިލްޑިންގ ފޮޓޯ: ސަން
ޚާއްސަ ޙާލަތްތަކާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމާ ގުޅޭ އައު ޤަވާއިދެއް ސިވިލް ސަރވިސް ކޮމިޝަނުން ޢާއްމުކޮށްފިއެވެ. "ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު" އަށް ގެނައި 19 ވަނަ އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ޤަވާއިދުގައިވާ ގޮތުން، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު ނުވަތަ ބޭރު ޤައުމެއްގެ ރަޖިސްޓަރީވެފައިވާ ޞިއްޙީ މަރުކަޒަކުން ދޫކުރާ ލިޔުމަކަށް ރިޢާޔަތްކޮށް، މުވައްޒަފަކު އެދިއްޖެ ނަމަ އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެވިދާނެއެވެ. މި ހުއްދަ ދިނުމުގެ އިޚްތިޔާރު އޮންނާނީ އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށެވެ.
ނަމަވެސް މި ހުއްދަ ދެވޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ނަމައެވެ. އެގޮތުން މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތަކީ އޮފީހަށް ހާޒިރުނުވެ ކުރެވޭނެ މަސައްކަތަކަށް ވާންޖެހެއެވެ. އަދި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނަ މާޙައުލެއް އޮތްކަން ކަށަވަރުކުރުމާއެކު، އިދާރާއިން ދޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އަރައިގެން ނުވާނެއެވެ. މީގެ އިތުރުން، މުވައްޒަފު ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް މޮނިޓަރ ކުރަންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ޤަވާއިދުގެ ދަށުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރާ މުވައްޒަފުން، އިދާރާއިން ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މި އެއްބަސްވުމުގައި މަސައްކަތުގެ މަޢުލޫމާތާއި ސިއްރު ހިފެހެއްޓުމަށް އިޤުރާރުވާންޖެހެއެވެ. އަދި އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އަންގައިފި ނަމަ، މުވައްޒަފު އޮފީހަށް ހާޒިރުވާންވާނެއެވެ. މުވައްޒަފުގެ މަސައްކަތް އެދެވޭ މިންވަރަށް ނުދާ ނަމަ، ދީފައިވާ ހުއްދަ ބާޠިލުކުރުމުގެ ބާރުވެސް އިދާރާއަށް ލިބިގެންވެއެވެ.
އައު ޤަވާއިދުގައިވާ ގޮތުން ބައެއް ދާއިރާތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ. އެގޮތުން ކޮންމެހެން ހާޒިރުވެގެން މަސައްކަތްކުރަންޖެހޭ ޓީޗަރުންނާއި، ނަރުހުން ފަދަ ފަންނީ މުވައްޒަފުންނާއި، އިދާރާތަކުގެ ހިންގުމުގެ އިސްފަންތީގެ މުވައްޒަފުންނަށް މި ހުއްދައެއް ނުލިބޭނެއެވެ.
މި އިސްލާހަކީ ކުއްލި ޙާލަތްތަކުގައި ސިވިލް ސަރވިސްގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.