ޚަބަރު
ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ވާހަކަދެއްކުމުގެ މުބަރާތުގައި ކުއްޖަކު ވާހަކަދައްކަނީ. ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ
އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް 2026 ވަނަ އަހަރު ބޭއްވުމަށް ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން މިއަދު ހުޅުވާލައިފިއެވެ.
ދިވެހި ބަހަށް ލޯބިޖެއްސުމާއި، ވާހަކަދެއްކުމުގެ ފަންނު ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް ތާވަލުކުރެވިފައިވަނީ އަންނަ އަހަރުގެ އޮގަސްޓު 11 އިން 30 އަށެވެ.
މި އަހަރުގެ މުބާރާތް މައިގަނޑު ދެ ބަޔަކަށް ބެހިފައިވާއިރު، އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުުމުގެ ބައެވެ. ވާހަކަދެއްކުމުގެ ބައިގައި އިސްކޫލުތަކުގެ ގިންތިތަކުގެ ތެރެއިން ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިގައި 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރާތަކަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ބަހުސްކުރުމުގެ ބައި ހާއްސަކުރެވިފައިވަނީ 16 އަހަރުން މަތީގެ އުމުރުފުރާތަކަށެވެ. މި ބައިގައި އޮފީސްތަކާއި، ކުންފުނިތައް، ޖަމިއްޔާ ޖަމާއަތްތައް، ކުލަބުތައް، ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ޓީމުތަކަށް ބައިވެރިވެވޭނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން މައުލޫމާތުދެއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަންވާނެއެވެ. މުބާރާތުގައި ވާހަކަދައްކާނެ މައުލޫތައް އާންމުކުރުމަށް ހަމަޖެހިފައިވަނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިންނެވެ.
މުބާރާތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރުފަހު 12:00 އެވެ.
މި މުބާރާތުގެ ގަވާއިދާއި އިތުރު ތަފްސީލު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެކެޑަމީގެ ނަންބަރު 7772816 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް އެކެޑަމީން އިރުޝާދުދެއެވެ.