ޚަބަރު
ޕީއެންސީ އިން ބާއްވާ ދާއިރާތަކުގެ އިންތިހާބުގައި 2،500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުވާނެ: ޕީއެންސީ
ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން. ފޮޓޯ: ޕީއެންސީ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ދާއިރާތަކުގެ އިންތިހާބުގައި 2،500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުވާނެކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މި އިންތިހާބަކީ މުޅި ރާއްޖޭގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ދާއިރާތައް ތަމްސީލުކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.
އިންތިހާބާ ބެހޭ ކޮމިޓީން އިއްޔެ ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އިންތިހާބަށްފަހު މުޅި ރާއްޖޭގައި ޕާޓީ ތަމްސީލުކުރުމަށްޓަކައި ރަށްރަށުގެ އެކިއެކި ދާއިރާތަކުގައި 2،500 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާއެކު އިއުލާންކޮށް، މުޅި ރާއްޖޭގައި މި އިންތިހާބުގެ ކަންކަން ނިމިގެންދާއިރު އިންތިހާބީ އެކިއެކި މަގާމުތަކުގައި 2،500 އަށްވުރެ ގިނަ ބޭފުޅުން އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މި ހުރިހާ ފަރާތްތަކަކީ ވެސް އިންތިހާބު ވެގެން އިންތިހާބުގެ މަގާމަކަށް އަންނަ ފަރާތްތައް،" ފިރުޒުލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ހުރިހާ ފަރާތްތަކަކީ ވެސް އެރަށެއްގެ ދާއިރާގައި ޕާޓީ އާއި ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅުން ކަމަށެވެ.
އިންތިހާބުގެ ތަފްސީލު
މި އިންތިހާބުގައި ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ. ޕީއެންސީން ބުނި ގޮތުގައި ވޯޓާސް ލިސްޓުގެ އަސާސެއްގެ ގޮތުގައި ބަލަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕާޓީގެ ދަފްތަރަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން އިންތިހާބު ކުރާނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ހަމަޖެހިފައިވަނީ އެ ދާއިރާއެއްގެ މެމްބަރެވެ.
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕާޓީގެ އެންމެ މަތީ ގުނަވަން ކަމަށްވާ މަތީ މަޖިލިސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.