Ads by Farudhun

ޚަބަރު

އެންސީސީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

އެންސީސީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖުލައި 2026، 12:54

05 ޖުލައި 2026، 12:54

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އަށް 10 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. މި މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުމަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 ޖުލައި 2016 ގައެވެ. މި ސެންޓަރަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޚިދުމަތް ފުޅާވެ، ތަރައްޤީވެފައިވާ މިންވަރުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ ވަނީ އިފްތިތާޙު ކޮށްފައެވެ. މި އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި، އެންސީސީއަކީ 24 ގަޑިއިރު ޚިދުމަތް ދޭ ސެންޓަރެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެ ހޮސްޕިޓަލުން ބުނީ، މި ސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މިހާރު ދެމުންދަނީ ސަރަޙައްދީ ފެންވަރުގެ ފަރުވާތަކެއް ކަމަށެވެ. އަދި މި ސެންޓަރު ހުޅުވި ފަހުން، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ޢަދަދު ބޮޑުތަނުން މަދުވެފައިވާކަންވެސް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

އެންސީސީން މިހާރު ދެމުންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ)، އީސީޖީ، އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސް ބޭނުންކޮށްގެން ހިތުގެ މަސައްކަތް ބަލާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުން ހިމެނެއެވެ. މީގެ އިތުރުން ހިތާ ކައިރީގައިވާ ލޭހޮޅިތަކުގެ މަސައްކަތް ބެލުމަށް ހަދާ އީކޯ ކާޑިއޯގްރާމް ޓެސްޓުތައްވެސް އެ ސެންޓަރުން ދަނީ ފޯރުކޮށްދެމުންނެވެ.

ދުވަހުން ދުވަހަށް އެންސީސީގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އައިޖީއެމްއެޗުން ސިފަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450