ޚަބަރު
ތަރިކައާ ބެހޭ ވުޒާރާއަށް ޕީއާރް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި
ވަޒީރު ހީނާ އުތީމަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: އުތީމު ކައުންސިލް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް (ޕީއާރް) މަސައްކަތްތައް ކުރުމަށް ޕީއާރް ފާމެއް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ތަރިކައާއި ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ވުޒާރާގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަސައްކަތަށް ބިޑު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް ވުޒާރާގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެއެވެ.
ޕީއާރް ފާމެއް ހޯދުމުގެ މައިގަނޑު މަގްސަދަކީ ވުޒާރާ އާއި އެ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކާ މެދު އާންމުންގެ މެދުގައި އޮންނަ މަގުބޫލުކަން އިތުރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުން މީޑިއާތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.
މަސައްކަތް ހަވާލުކުރެވޭ އިދާރާތައް
ބިޑު ކާމިޔާބުކުރާ ފަރާތުން ހެރިޓޭޖް މިނިސްޓްރީގެ އިތުރުން އެ ވުޒާރާގެ ދަށުން ހިންގާ ގިނަ މުއައްސަސާތަކެއްގެ ޕީއާރް ކަންކަން ބަލަހައްޓަން ޖެހޭނެއެވެ. އޭގެ ތެރޭގައި:
- ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)
- ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް
- ދިވެހިބަހުގެ އެކަޑަމީ
- ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން
- ގައުމީ އަރުޝީފް
- ގައުމީ ކުތުބުޚާނާ
މީގެ އިތުރުން ވެސް ވުޒާރާގެ ދަށުން ހިންގާ އެހެން ހުރިހާ އިދާރާއެއްގެ ޕީއާރް އަދި މީޑިއާގެ ކަންކަން ވިލަރެސްކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.