ޚަބަރު
އާސަންދައިން ކަވަރު ނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް: ސްޓޭޓް ފާމާ
ސްޓޭޓް ފާމާގެ ބޭސްފިހާރައެއް. ފޮޓޯ: ސްޓޭޓް ފާމް
އާސަންދައިން ކަވަރު ނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް، ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑު (ސްޓޭޓްފާމާ) އިން ދޮގުކޮށްފިއެވެ.
ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއްޔެ ހެނދުނު އެ ކުންފުނީގެ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވާއިރު، އެ ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 ރުފިޔާ ކަމަށެވެ. އަދި އެ ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރު ސްލިޕަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ސްޓޭޓް ފާމާގެ ލެޓާ ހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު 6,000 ރުފިޔާއަށް ވުރެ މަތީގައި ހުރި ސަބަބާ ގުޅޭގޮތުން އެ ކުންފުނިން ވިދާޅުވީ، އެއީ ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ދިމާވި ކަމެއް ކަމަށެވެ. ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެއްކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ސްޓޭޓް ފާމާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "އާސަންދަ ކަވަރު ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން އޮތުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމުގައި ފާހަގަކޮށްލަން،" މިފަދައިންނެވެ.
މި މައްސަލައާ ގުޅިގެން ކުންފުނިން ވަނީ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.