ޚަބަރު
މީހުން ބުނާތީ އިވެނީ އެދުވަހު ހިމާޔަތް ނުދިންނަމަ މިއަދު ފެންނާނީ އެހެން މަންޒަރެއް ކަމަށް: ޞިއްދީޤް
ޤާނޫނީ ވަަކީލު އަޙްމަދު ޞިއްދީޤް
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދަށް ހިމާޔަތް ނުދިންނަމަ މިއަދު ފެންނާނީ އެހެން މަންޒަރެއް ކަމަށް މީހުން ބުނާތީ އިވޭކަމަށް ޤާނޫނީ ވަކީލް އަޙްމަދު ޞިއްދީޤް ވިދާޅުވެއްޖެއެވެ.
ޞިއްދީޤް ވިދާޅުވީ އެ ދުވަހު ސިފައިންގެ ގޭގެ ތެރޭގައި ރައީސް ނަޝީދު ރޮއި އާދޭސްކުރައްވައި، އިސްތިއުފާ ދެއްވާނެ ކަމަށާއި ދެން ދުވަހަކުވެސް ސިޔާސީ ކަމެއްގައި ނޫޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
އެ ދުވަހު ސިފައިން ރައީސް ނަޝީދާއި އެ މަނިކުފާނުގެ އަނބިދަރިންނަށް ހިމާޔަތް ދިންކަން ފާހަގަކުރައްވައި ޞިއްދީޤް ވިދާޅުވީ، މުސްލިމުންނަކީ ބަހުގެ އިތުބާރު ހިފަހައްޓާ ބައެއް ނަމަވެސް ރައީސް ނަޝީދުގެ ބަހުގެ އިތުބާރު ނުދެމެހެއްޓުނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އޭގެ ޖެހިގެން އައި ފެބުރުއަރީ 8 ވަނަ ދުވަހު އެމްޑީޕީގެ ވެރިން އިސްވެ ތިބެ ހިންގި ބޮޑު ހުޅުގެ އުދުވާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 5 ކޯޓެއް އެކީގައި އަންދާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އުދުވާނުގައި އަންދާލާފައިވަނީ ގދ. ތިނަދޫ ކޯޓް، ސ. ހިތަދޫ ކޯޓް، ސ. މަރަދޫ ކޯޓް، ސ. ފޭދޫ ކޯޓް އަދި ސ. ހުޅުދޫ ކޯޓެވެ. މީގެ އިތުރުން އެތައް ފުލުހުންގެ ސްޓޭޝަންތަކަކާއި ވެހިކަލްތަކެއް އަންދާލައި، ޖުމްލަ 270 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ޞިއްދީޤް ފާހަގަކުރެއްވިއެވެ.
ޞިއްދީޤް އިތުރަށް ވިދާޅުވީ، އެ ދުވަހު އަންދާލި ތަކެތީގެ ތެރޭގައި އެތައް ބައެއްގެ ކައިވެނި، ވަރި ސެޓްފިކެޓްތަކާއި ގޯތިގެދޮރުގެ ރަޖިސްޓްރީތައް ހިމެނޭ ކަމަށާއި، މިއީ މިއަދުވެސް ދިވެހިން އެކަމުން ސަލާމަތް ނުވެވިގެން އުޅޭ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި އެފަދަ ގެއްލުންތަކެއް ދިން ނުވަތަ އެކަން ކުރުވި މީހާއަށް މިއަދުވެސް ދިވެހިންގެ ފައިސާއިން ހޭދަކުރަން ޖެހުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.