ޚަބަރު
ރާއްޖެއިން ބޭރުގައި ތެރަޕީ ހޯދާ ދިވެހީންނަށް އެންސްޕާއިން ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ތަޢާރަފްކޮށްފި
ރާއްޖެއިން ބޭރުގައި ތެރަޕީ ހޯދާ ދިވެހީންނަށް އެންސްޕާއިން ޚާއްޞަ ވަޓްސްއަޕް ނަންބަރެއް
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެ ފަރުވާއާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ޤާއިމުކޮށްފިއެވެ.
އެންސްޕާއިން މިފަދަ ނަންބަރެއް ތަޢާރަފްކުރީ، އެ އިދާރާގެ ރަސްމީ ހޮޓްލައިން 1402 އަށް ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކުން ގުޅުމުގައި ދަތިތަކަކާއި ކުރިމަތިވަމުންދާތީ، އެކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދެނީ ދައުލަތުގެ އިޖުތިމާޢީ އެހީގެ ނިޒާމުގެ ދަށުން އެންސްޕާ މެދުވެރިކޮށެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއެްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ 58 ފަރާތަކުން މިހާރުވެސް އެންސްޕާގައި ރަޖިސްޓްރީ ކޮށްގެން ތެރަޕިއުޓިކް ޚިދުމަތްތައް ހޯދަމުންދާ ކަމަށެވެ. އެގޮތުން ސްޕީޗް ތެރަޕީއާއި، އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އެކި ބާވަތުގެ ފަރުވާތައް ހޯދާ ފަރާތްތައް މީގެ ތެރޭގައި ހިމެނެއެވެ.
ޝިރުނާ އިތުރަށް ވިދާޅުވި ގޮތުގައި، އަލަށް ތަޢާރަފްކުރި 7291402 ނަންބަރު މެދުވެރިކޮށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ތެރަޕީތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ.
އެންސްޕާއަކީ އާސަންދައިގެ ބޭރުން ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަމުގެ ދަށުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ އިދާރާއެކެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސާއި، އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އެހީގެ އިތުރުން، ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.