Ads by Farudhun

ޚަބަރު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލައިފި

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލައިފި

"މަގޭހިޔާ" ޖަލްސާގެ ތެރެއިން. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ޖުލައި 2026، 11:08

05 ޖުލައި 2026، 11:08

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު 2023 ގެ އިންތިހާބުގައިވެލެއްވި ވައުދުފުޅާ އެއްގޮތަށް، ހުރިހާ ހިޔާ ޓަވަރުތަކެއްގައި އިތުރު ދެ ލިފްޓު ހަރުކޮށް ނިންމާލައިފިއެވެ. 

މިކަމަށް ޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރުގެ އަރިހުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް ރިޑަޔަރޑް އަލީ ޒުހައިރާއި، އެޗްޑިސީގެ އިސް ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިރޭ ފާހަގަކުރެވެމުން މި ދަނީ ހިޔާ ޓަވަރުތަކުގައި މީހުން އުޅެން ފެށިފަހުން ފަހުން ލިބުނު ދަތިކަމެއްގެ ހައްލުވުމުން ލިބުނު އުފާ ކަމަށެވެ. 2023 ގެ ރިޔާސީ އިންތިހާބުގެ ތެރެއިން ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެތަނުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް މި މަސައްކަތް ފެށްޓެވި ކަމަށާއި، އެޗްޑިސީއާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދެވީ ވަރަށް ބޮޑު އިސްކަމެއް ދީގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހެނިހެން ހިދުމަތްތައް ވެސް ފަސޭހައިން ލިބޭނެ ގޮތްތައް ހޯދަމުންދާކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، ޓަވަރުތަކުގައި މީހުން އުޅެން ފެށިއިރު، މި ސަރަހައްދުގައި އެއްވެސް ހިދުމަތެއް ރައްޔިތުންނަށް ނުލިބޭ ކަމަށާއި، ސްކޫލްތަކާއި، ކްލިނިކްތައް ފަދަ ތަންތަން ބިނާވެގެން ދިޔައީ މީހުން އުޅެން ފެށިފަހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އެ ތަނުގައި މި ހިދުމަތްތައް ޤާއިމްކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތަކީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. އެއީ  ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކުގެ ޖާގައިގެ ދަތިކަމާއި، ބަލި މީހުން އުފުލާ ހެދުމަށް ދިމާވަމުން ދިޔަ ދަތިތަކާއި،  ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމަށް ދިމާވަމުން ދިޔަ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފެށި މަޝްރޫއެކެވެ.

މި މަޝްރޫއު ނިމި މިހާރު ވާނީ 16 ހިޔާ ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކޮށް ނިންމާ ހިދުމަތްދޭންފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450