ޚަބަރު
ރޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން 58 އަކަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި
ރޭގެ އަލިފާނުގެ ހާދިސާ. ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 58 އަށްވުރެ ގިނަ މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެގޭގެ ފަސްވަނަ ފަންގިފިލާގައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އިވިކުއޭޝަން ސެންޓަރު މެދުވެރިކޮށް ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގައި ފަރުވާދިން 25 މީހަކާއި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިން 3 މީހަކު ހިމެނެއެވެ.
އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ، އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއްގެ އިތުރުން، ހާދިސާއާ ގުޅިގެން ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. "މި ފަރާތްތަކަށް އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް އެންޑީއެމްއޭއިން ދަނީ ހަމަޖައްސަމުން،" އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ ރޭ 22:49 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ސިފައިންގެ ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 23:48 ހާއިރުއެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް ދިގުމުއްދަތުގެ އެހީތެރިކަން ބޭނުންވޭތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.