ޚަބަރު
ފޭސް 2 ގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމަށް އާންމުންގެ ބިންތައް ވިޔަފާރި އުސޫލުން ބޭނުން ކުރަން ޖެހޭ: ވަޒީރު މުއްޠަލިބް
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި މިރޭ އިފްތިތާހުކުރުމުގެ ޖަލްސާގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި ބިންތައް މަދުވުމުގެ ސަބަބުން، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ގާއިމުކުރުމަށް އާންމުންނަށް ދޫކޮށްފައިވާ ބިންތައް ވިޔަފާރި އުސޫލުން ބޭނުންކުރަން ޖެހޭ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރި 32 ލިފްޓް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި "މަގޭ ހިޔާ" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު އާންމުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ވެސް ގާއިމުވެފައި ނެތުމުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އެގޮތުން ހިދުމަތް ހޯދުމަށް ހުޅުމާލެ ފުރަތަމަ ފިޔަވައްސަށާއި މާލެއަށް ދާން ޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އެޗްޑީސީގެ އަތުގައި ހުރި ބިންތަކުން އެކަނި ރައްޔިތުން ބޭނުންވާ ވިޔަފާރީގެ ކަންތައްތަކާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދެވޭކަށް ނެތެވެ. މިހާރުވެސް ފޭސް 2 އަދި 3 އިން ދިވެހިންނަށް 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "މިވަގުުތުގެ ވިސްނުމަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަކީ އެޗްޑީސީގެ ބިމަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތަކަށް ވާކަށް ނުޖެހޭކަން،" ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި ޕްރީސްކޫލްތަކާއި، ކްލިނިކްތަކުގެ އިތުރުން ޝޮޕިން ކޮމްޕްލެކްސް ފަދަ ތަންތަން ތަރައްގީކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް މާލީ ފައިދާ ލިބުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ އިގްތިސޯދު ފުޅާވެ، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ބިންތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ޕްލޭންތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިހާރު ހުރި ތޮއްޖެހުމާއި ބިންމަދުކަމުގެ ތެރެއިން ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގެނެވޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.