ޚަބަރު
ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން: ވަޒީރު މުއްޠަލިބް
އައު ލިފްޓްތައް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފަރުދުން
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.
ވަޒީރު ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ދަރިން ގިނަވުމުގެ ސަބަބުން އެހެން ތަނަވަސް ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ އާއިލާތައް ހުރިކަން ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތު ބައްޓަންވާން ޖެހޭނީ އެފަދަ ފަރާތްތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
"ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދީ، އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ. ނަމަވެސް، އޭގެ ތަފްސީލު މި ވަގުތު ދަންނަވަން ދަތި. ސަރުކާރުން މަސައްކަތް ކުރާނީ އެކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް،"
ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހިޔާގެ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ދިރިއުޅޭއިރު، އެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސްކަމެކެވެ. ނަމަވެސް، އެ ސަރަހައްދަށް ކަނޑައަޅާފައިވާ ހުސް ބިންތަކުން ނުވަތަ "އޯޕަން ސްޕޭސްތަކުން" މީގެ ކުރިން ގޯތި ދީފައިވުމުގެ ސަބަބުން، އިތުރު ހިދުމަތްތައް ގާއިމުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ސަރަހައްދުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތައް ސަރުކާރުން ބާރުއަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.