ޚަބަރު
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހަލީމް އާއި އަމީޒާގެ ނަން މަޖިލީހަށް
ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަމެވެ.
ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު، މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާ ގުޅިގެން، އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޤާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން މުޙައްމަދު ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސްގެ މަޤާމުގައެވެ.
ފާތިމަތު އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ. މި މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެކުލަވާލާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.