ޚަބަރު
ހިމަބިހިން ރައްކާތެރިވުމަށް 4،400 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި
ވެކްސިން ޖެހުމުގެ އިންތިޒާމްތައް މާލެ ސަރަހއްދުގެ 6 ތަނެއްގައި ހަމަޖެހިފައިވޭ
ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަށާފައިވާ ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 4،400 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސްގެ އައުޓްބްރޭކެއް ފާހަގަކުރެވިފައިވާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫއިން އިސްނަގައިގެން ފެށި "މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، އައުޓްބްރޭކް ރެސްޕޮންސްގެ ދަށުން 4،468 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން (ކޮންޓެކްޓުން) އަދި ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.
ސްޓޭޓް މިނިސްޓަރ ރަފީޤު ފާހަގަކުރެއްވި ގޮތުގައި ހިމަބިހިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދެ ޑޯޒް ޖަހާފައިވާކަން ކަށަވަރުނުވާނަމަ އިތުރު ޑޯޒެއް ޖެހުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިސަލް ވެސް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ބަލީގެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ވެކްސިން ލިބޭނެ އިންތިޒާމުތައް
މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިން ދިނުމުގެ ޚިދުމަތް އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަތޮޅުތަކުގައި ވެކްސިން ދޭނެ ގަޑިތަކާއި ދުވަސްތައް އެ އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކުން އިޢުލާން ކުރަމުންދާނެއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީޢާއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤައުމެއް ނަމަވެސް، ދޭތެރެ ދޭތެރެއިން ބަލީގެ ކޭސްތައް ފެންނަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.