ޚަބަރު
ނާލާފުށީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 176 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ގެންގޮސްފި
މުރައިދޫއަށް ގެންދިޔަ ޖަނަރޭޓަރު / ފޮޓޯ: ސްޓެލްކޯ
މީމު އަތޮޅު ނާލާފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ރަށަށް 176 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި ޖަނަރޭޓަރު ރަށަށް ގެންގޮސް، މިހާރު ކުރިއަށްދަނީ އިންޖީނު ބަހައްޓައި ކޮމިޝަން ކުރުމުގެ އަމަލީ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމާއެކު، ނާލާފުށީގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި، ރަށުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ނާލާފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވެވަޑައިގެންފައިވާ ވައުދެކެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ރައީސުލްޖުމްހޫރިއްޔާ ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމުގެ ގޮތުގައި ރަށުގެ އިސްވެރިން ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ރަށުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމެވެ. މިހާރު ގެންދެވުނު ޖަނަރޭޓަރަކީ ރަށުގެ ރައްޔިތުންގެ މި އެދުމާ އެއްގޮތަށް، ސަރުކާރުން ފޯރުކޮށްދިން މުހިންމު އެހީތެރިކަމެކެވެ.
މި ކުންފުނީގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، މ. ނާލާފުއްޓަށް 176 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންގޮސް ކޮމިޝަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. pic.twitter.com/Hfmiku450S
— STELCO (@STELCOMALDIVES) July 6, 2026
މި އައު ޖަނަރޭޓަރާއެކު ނާލާފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، ކުރިއަށް އޮތް ތަނުގައި ރަށަށް އަންނަ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ރަށު ކައުންސިލުން އުންމީދު ކުރެއެވެ.