ދުނިޔެ

ލަންކާ ޖަލެއްގައި ހިނގި ކުރިމަތިލުންތަކެއްގައި 25 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ލަންކާ ޖަލެއްގައި ހިނގި ކުރިމަތިލުންތަކެއްގައި 25 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ނިގަމްބޯ ޖަލު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 11:16

07 ޖުލައި 2026، 11:16

ސްރީލަންކާގެ ކޮޅުނބާ 35 ކިލޯމީޓަރު އުތުރުގައި އޮންނަ ނިގަމްބޯގެ ޖަލެއްގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި މަދުވެގެން 25 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުންނާއި ހޮސްޕިޓަލް މަސްދަރުތަކުން ބުނެފިއެވެ.

މި ހަމަނުޖެހުންތައް ފެށުނީ މިދިޔަ އާދީއްތަ ދުވަހު ނިގަމްބޯގެ އެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި ބަންދުގައި ތިބި މީހުންގެ މެދުގައެވެ. މި ކުރިމަތިލުންތައް އިއްޔެއާ ހަމައަށް ދެމިގެން ގޮސްފައިވާއިރު، މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ފުލުހުންގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ޖަލުގެ އެކި ސަރަހައްދުތައް މިހާރުވެސް ސާފުކުރަމުންދާއިރު، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ސީދާ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ވަރުނާ ގަމަގޭ ރޮއިޓާސްއަށް ވިދާޅުވީ، ފުލުހުންނަށް އެހީތެރިވުމަށް ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، މިވަގުތު ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

ދެރަނާ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ޖަލުގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ޒަޚަމްވި ގައިދީން އުފުލި ފުލުހުންގެ ބަސްތަކުގައި ބައެއް މީހުން ބަހުގެ ތަޅުމުގައި އޮށޯވެގެން ތިއްބާ ފެނިފައިވެއެވެ.

ނިގަމްބޯ ހޮސްޕިޓަލުގެ ޑިރެކްޓަރު ޕުޝްޕާ ގަމްލަތު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހޮސްޕިޓަލަށް މިހާތަނަށް 23 މީހެއްގެ ހަށިގަނޑު ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން 100 އަށްވުރެ ގިނަ ގައިދީންނާއި ޖަލު ގާޑުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450