ޚަބަރު
އެއްވެސް އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނަށް ފިޔަވަޅު އަޅާނެ - ޑރ ޝަފީއު
އިސްމާއިލު ޝަފީއު - ފޮޓޯ: މަޖިލީސް
ހުލާސާ
އެއްވެސް މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި ގަވާއިދުން ސްކޫލަށް ހާޒިރުވުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށެވެ.
މިނިސްޓަރު ޝަފީއު ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރު ދުވާލަކު ގާތްގަނޑަކަށް 8,000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނެވެ. ސްކޫލަށް ހާޒިރުނުވެ ފިލާވަޅުތައް ގެއްލުމަކީ ދަރިވަރުންގެ ނަތީޖާއަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވައި، މިއީ ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
"ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން. ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ." ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި
ޝަފީއު ވިދާޅުވިއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ނިޒާމު އެންމެ ފުރަތަމަ ހަރުދަނާކުރީ ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުގައި އެކަން އޮތީ ދޫކޮށްލާފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެޓެންޑެންސް ޕޮލިސީއެއް އޮތް ނަމަވެސް، ސްކޫލްތަކުން ގަވާއިދުން މިނިސްޓްރީއާ މައުލޫމާތު ހިއްސާނުކުރާކަން ފާހަގަކުރައްވައި، މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހާޒިރީ މިނިސްޓްރީއަށް ފޮނުވަން މިހާރު ވާނީ މަޖުބޫރުކޮށްފައި ކަމަށް ވިދާޅުވިއެވެ.
"އެކަމަކު މިއަހަރު ޖޫން މަހުގެ ތެރޭގައި އަޅުގަނޑުމެން ކުރިން ކުރި މަސައްކަތްތަކަކާ އެކުގައި ސްކޫލްތަކުން މިހާރު މަޖުބޫރުވާނެ ކޮންމެ ދުވަހެއްގެ އެޓެންޑެންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވަން ޖެހޭނެ. އެ ފޮނުވުމުގެ ތެރެއިން އަޅުގަނޑުމެންނަށް ދެނެގަނެވުނީ ފުދޭވަރަކަށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން."
ޝަފީއު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ސީދާ ބައްދަލުކޮށް، ހާޒިރުނުވާ ކުދިންނާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އަދި ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަ ހުރުން އެއީ ދޫކޮށްލާނެ ކަމެއް ނޫން ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މިއަދު ވަނީ ދެއްވާފައެވެ.