Ads by Farudhun

ޚަބަރު

ތައުލީމީ ދާއިރާގެ 160 އަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދަނީ: މިނިސްޓަރު ޝަފީއު

ތައުލީމީ ދާއިރާގެ 160 އަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދަނީ: މިނިސްޓަރު ޝަފީއު

އެޑިއުކޭޝަން މިނސްޓަރު ޑރ ޝަފީއު - ފޮޓޯ: މަޖިލީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖުލައި 2026، 12:58

07 ޖުލައި 2026، 12:58

ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކޮށް، ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 160 އެއްހާ މަޝްރޫއު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުގެ ތައުލީމީ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން މިފަދަ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަކީ، އެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް ވިލަރެސްކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނާ އެއްވެސް ސުވާލެއް ފެންމަތިވެގެން ނުދާނެ، އެއްވެސް ޕްރޮޖެކްޓެއް ނުވަތަ އެއްވެސް ކަމެއް ކުރަން ވިސްނާފައި ނެތްނަމަ،" މަޝްރޫއުތަކުގެ މުހިންމުކަމާ ގުޅޭގޮތުން

ޝަފީއު ވިދާޅުވިއެވެ.

ށ. ގޮއިދޫ އާއި އެ އަތޮޅު ފޭދޫގެ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އެއްބަސްވެވަޑައިގަތީ އެ ދެ ރަށުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓްރީގެ އަމާޒަކީ ހަމައެކަނި މަސައްކަތް އަވަސްކުރުން ނޫން ކަމަށާއި، ކުރާ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ގާތުން ސުޕަވައިޒް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ، މާލޭގައި އިމާރާތްކުރި އަރަބިއްޔާ ސްކޫލަށް ދިމާވި ފަދަ އިންފްރާސްޓްރަކްޗާ މައްސަލަތަކެއް އަތޮޅުތެރޭގެ އިމާރާތްތަކަށް ދިމާވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަރަބިއްޔާ ސްކޫލްގެ އިމާރާތް ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުވެގެން ދިޔައީ އެކަށީގެންވާ ޕްރޮވިޝަންތަކެއް ނެތި މަސައްކަތް ކުރެވުމުން ކަމަށާއި، އެއީ ރައްޔިތުންގެ ފައިސާއަށް ވީ އިހުމާލެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑު އިރުޝާދަކީ، ރައްޔިތުންގެ ފައިސާއިން ކުރާ ކޮންމެ މަސައްކަތަކީ ގިނަ ދުވަހަށް ދެމިގެންދާނެ ފެންވަރު ރަނގަޅު މަސައްކަތެއްކަން ކަށަވަރުކުރުން،"

މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުތަކުގެ ކޮލިޓީ ހިފެހެއްޓުމަށް އިސްކަން ދިން ނަމަވެސް، މިހާރު ހިނގަމުންދާ 160 މަޝްރޫއުގެ ސްޕީޑު މިއަށްވުރެ އަވަސްކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މަސައްކަތްތައް ހަލުވިކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450