ޚަބަރު
61 އިންސައްތަ ސްކޫލްތައް އޭސީކޮށް ނިމިއްޖެ، އަމާޒަކީ ދެވަނަ ޓާމަށް ގިނަ ސްކޫލްތައް ނިންމުން: ވަޒީރު
އެޑިއުކޭޝަން މިނިސްޓަރު ޑރ ޝަފީއު - ފޮޓޯ: މަޖިލީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޖުމްލަ 217 ސަރުކާރު ސްކޫލެއްގައި ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން، ހުރިހާ ސްކޫލަކަށް މިހާރު އޭސީ ފޮނުވައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބާކީ ހުރި ސްކޫލްތަކުގެ ކަރަންޓު ވިއުގަ ވަރުގަދަކުރުމާއި، އޭސީ ހަރުކުރުމުގެ ފަހުގެ މަސައްކަތްތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ފަށާފައިވާ މަސައްކަތެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި މީގެ ކުރިން ސްކޫލްތަކުގައި އޭސީ ހަރުކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ އުސޫލު ބަދަލުކޮށް ކިޔަވައިދޭ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މަގުފަހިކޮށްދީފައެވެ.
މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝަފީއު ވިދާޅުވީ، ބައެއް ސްކޫލްތަކަކީ 35 ނުވަތަ 45 އަހަރުވެފައިވާ ބައު އިމާރާތްތަކެއް ކަމުން، އެތަންތަނުގައި ހުރި ސިންގަލް ފޭސް ކަރަންޓު ނިޒާމު ތުރީ ފޭސްއަށް ބަދަލުކުރުމަކީ ވަގުތު ނަގާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވަރަށް އަވަހަށް މި މަސައްކަތް ނިންމަން. ހުރި ގޮންޖެހުންތަކާއެކުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށެންވާއިރަށް ގިނަ ސްކޫލްތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލުން،"
ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއު ނިމުމުން، ރާއްޖޭގައި ގާއިމު ކުރެވިފައިވާ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ކިޔަވަން ފަސޭހަ، ފިނި މާހައުލަކަށް ވެގެންދާނެ ކަމަށް ތައުލީމީ ވުޒާރާއިން އުންމީދު ކުރެއެވެ.
އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ސުކޫލުތަކަކީ ދަރިވަރުން ކިޔަވަން ދާހިތުންދާ ތަނަކަށް ހެދުމާއި އެކު އެދަރިވަރުން ކިޔަވުމަށް ޝައުގުވެރިކޮށް، ރާއްޖޭގެ ހުރިހާ ސުކޫލުތަކަކީ ރަނގަޅު ތަންތަނަށް ހެދުމެވެ.