Ads by Farudhun

ޚަބަރު

އޭއައި ބޭނުންކޮށްގެން އެޑިޓް ކުރާ ފޮޓޯތައް ޕާސްޕޯޓްގައި ބޭނުންނުކުރެވޭނެ: އިމިގްރޭޝަން

އޭއައި ބޭނުންކޮށްގެން އެޑިޓް ކުރާ ފޮޓޯތައް ޕާސްޕޯޓްގައި ބޭނުންނުކުރެވޭނެ: އިމިގްރޭޝަން

އިމިގްރޭޝަންއިން އާންމުކޮށްފައިވާ ޕޯސްޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2026، 03:48

07 ޖުލައި 2026، 03:48

އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ނުވަތަ އެފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާއިރު މިފަދަ ފޮޓޯތައް ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ޕާސްޕޯޓަށް ހުށަހަޅާ ފޮޓޯއާ ގުޅޭގޮތުން އިމިގްރޭޝަނުން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމެންޓަކަށްވާތީ، ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުވަތަ އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ ޕާސްޕޯޓް ފޮޓޯ މިންގަނޑާ ހިލާފު އެއްޗެއްކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަނުން މީގެ ކުރިން ވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޮޓޯތަކުގައި އާންމުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، އިމިގްރޭޝަންގެ ފޮޓޯ މިންގަނޑަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއްވެސް ބާއްވައިފައެވެ. އެ ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ފޮޓޯ ނެގުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ދިވެހި ޕާސްޕޯޓަކީ ދުނިޔޭގެ ޕާސްޕޯޓު ރޭންކިންގައި ފާހަގަކޮށްލެވޭ ވަރުގަދަ ޕާސްޕޯޓެކެވެ. ވަކިން ހާއްސަކޮށް ދެކުނު އޭޝިއާގެ ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ތެރޭގައި ދިވެހި ޕާސްޕޯޓު ހިމެނޭތީ، އޭގެ ސެކިއުރިޓީ މިންގަނޑުތައް ހިފެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އިމިގްރޭޝަނުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450