ޚަބަރު
ކާރިސާތަކުން އަރައިގަތުމުގައި އެންޑީއެމްއޭގެ ރެސްޕޮންސް ޓީމުން އަދާކުރަނީ މުހިންމު ދައުރެއް
އެންޑީއެމްއޭގެ ރެސްޕޮންސް ޓީމުން ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެނީ. ފޮޓޯ: އެންޑީއޭއެމް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމ.އޭ) އިން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވި އެކި ކާރިސާތަކާއި އެމަރޖެންސީ ހާލަތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވެ، މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން އެ އޮތޯރިޓީން ހާމަކޮށްފިއެވެ. އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުން ފަދަ ކާރިސާތަކުގައި، ގެދޮރާއި ބޯހިޔާވަހިކަން ގެއްލޭ އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންޑީއެމްއޭގެ ރެސްޕޮންސް ކޯޑިނޭޝަން ޓީމުން އަންނަނީ ފުރަތަމަ އިޖާބަދޭ މުއައްސަސާތަކާ ގުޅިގެން ހަރަކާތްތެރިވަމުންނެވެ.
އެންޑީއެމްއޭ އިން ފާހަގަކުރި ގޮތުގައި، ކޮންމެ ހާދިސާއެއްގައިވެސް އެ އޮތޯރިޓީގެ ޓީމުތަކުން ދައްކުވައިދީފައިވަނީ އޯގާތެރިކަމާއި، ފަންނީ ހުނަރާއި، މުޖުތަމައަށް ޚިދުމަތްކުރުމުގެ ވަރުގަދަ އަޒުމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އެހެން އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އާންމު ރައްޔިތުންނާއެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، އެމަރޖެންސީ އިޖާބަދިނުމުގެ ނިޒާމު އިތުރަށް ވަރުގަދަވެ، ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ކަށަވަރު ކުރެވޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެންޑީއެމްއޭގެ ރެސްޕޮންސް ކޯޑިނޭޝަން ޓީމަކީ އަދަދުގެ ގޮތުން މަދު ބައެއް ނަމަވެސް، އެ ޓީމުގެ މަސައްކަތުގެ ނަތީޖާއަކީ އަގު ނުކުރެވޭނެހާ ބޮޑު ކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ސިފަކުރެއެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ބާރަކީ މީހުންގެ ގިނަކަމެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި، އިޚްލާޞްތެރިކަމާއި، އެއް މަގްސަދެއްގައި ކުރާ ބުރަ މަސައްކަތް،" އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވޭތުވެދިޔަ އަހަރުތަކުގައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވި އެމަރޖެންސީ ހާލަތްތަކުގައި އިސްސަފުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަލިފާނުގެ ހާދިސާތަކާއި، ފެންބޮޑުވުމުގެ ހާދިސާތަކާއި، އެނޫންވެސް… pic.twitter.com/5ObnYGOsSz
— NDMA Maldives (@NDMAmv) July 7, 2026
ކުރިމަގުގެ އަމާޒުތަކަށް އަލިއަޅުވާލަމުން އެ އޮތޯރިޓީން ބުނީ، މުޖުތަމައުގެ ތައްޔާރީކަން އިތުރަށް ހަރުދަނާކޮށް، ރަށްރަށުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ މައިގަނޑު މަގްސަދަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކަށް ހޭލުންތެރި، ވިލުންތެރި މުޖުތަމައެއް ބިނާކުރުމެވެ.
ސަރުކާރުން ގެންގުޅުއްވާ "ވިލުންތެރި ރާއްޖެއަކަށް" ހެދުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެންޑީއެމްއޭ އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ. އިސްސަފުގައި ހަރަކާތްތެރިވާ ޓީމުގެ ކޮންމެ މެންބަރަކު ކުރައްވާ މަސައްކަތަކީ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދީ، މުޖުތަމައުތައް ބާރުވެރިކުރުވައިދޭ މުހިންމު ޚިދުމަތެއް ކަމުގައި އެ އޮތޯރިޓީން ފާހަގަކުރެއެވެ.