ޚަބަރު
މިދިޔަ ހަފްތާގައި ހިމަބިހީގެ ކޭސްތައް ކުރިޔަށް ވުރެ އިތުރުވެއްޖެ
ހިމަބިހީގެ ވެކްސިން ޖެހުމަށް މަސައްކަތްކުރަނީ---
ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު ފާއިތުވި ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށް މި ބަލި ޖެހިފައިވެއެވެ. މިއާއެކު، މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފައެވެ.
ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށްވުމާއެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބަލި ޖެހޭ މީހުންނާ ދިމާވެފައިވާ ފަރާތްތައް (ކޮންޓެކްޓުން) ހޯދައި ޓެސްޓުކުރުމުގެ އިތުރުން، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ ޚާއްޞަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެޗްޕީއޭއިން މަޢުލޫމާތު ދޭ ގޮތުގައި މިހާތަނަށް 5،495 ފަރާތަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރަތް ބިހި ނެގުމާއި، ގަދައަށް ހުން އައުމާއި، ރޯގާ ޖެހި ކެއްސުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. ސިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދަންވާނެއެވެ.
ހިމަބިހީގެ ނުރައްކާ ކުޑަކުރުމުގައި ވެކްސިން ފުރިހަމަކުރުން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށާއި، ވަކިން ޚާއްޞަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފަހަރުގެ އައުޓްބްރޭކްގައި ގިނަ ބަޔަކަށް ބަލި ޖެހެމުންދިޔަ ނަމަވެސް، ބަލީގައި ހާލު ބޮޑުވާ ކޭސްތައް ނެތްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ އެޖެންސީން ބުނަނީ ރާއްޖޭގެ ބޮޑު އާބާދީއަކީ ކުރިންވެސް ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައިވާ ބަޔަކަށް ވުމެވެ.