ކުޅިވަރު

ފަހަތުން އަރައި އާޖެންޓީނާއިން މިސްރު ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ފަހަތުން އަރައި އާޖެންޓީނާއިން މިސްރު ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

އެންޒޯ ފެނާންޑޭޒް އާޖެންޓީނާ މޮޅުވި ގޯލް ކާމިޔާބުކޮށްދެނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޖުލައި 2026، 11:37

07 ޖުލައި 2026، 11:37

ވޯލްޑް ކަޕްގެ ނޮކްއައުޓް ދެވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ފަހަތުން އަރައި 3-2 އިން މިސްރު ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

މުޅި ދުނިޔެ ސިއްސުވާލުމަށްފަހު މި މެޗުގެ 15 ވަނަ މިނެޓުގައި މިސްރުން ވަނީ ލީޑު ނަގާފައެވެ. މަރުވާން އަތިއްޔާ ނެގި ހުރަހެއް އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ކައިރިން ނައްޓާލުމަށްފަހު، ޔާސިރު އިބްރާހީމް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.

މެޗުގެ ފޯރިގަދަވެގެން ދިޔައީ 55 ވަނަ މިނެޓުގައި މިސްރުން ދެވަނަ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު އެ ލަނޑު ގަބޫލުނުކުރުމަށް ނިންމުމުންނެވެ. ނަމަވެސް 67 ވަނަ މިނެޓުގައި މިސްރުގެ ތަރި މުޙައްމަދު ޞަލާޙް މުގުލުގައި ހުރެގެން އުފެއްދި ކައުންޓާ އެޓޭކެއްގައި، ހަސަން ފަހިކޮށްދިން ފުރުސަތަކުން ޒީކޯ ވަނީ ލަނޑެއް ޖަހައި މިސްރަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މި ލަނޑާއެކު އާޖެންޓީނާގެ ސަޕޯޓަރުން މާޔޫސްވެފައި ވަނިކޮށް، އެ ގައުމުގެ ތަރި ލިއޮނަލް މެސީ އަތުން މި މުބާރާތުގައި ދެވަނަ ފަހަރަށް ޕެނަލްޓީއެއްވެސް ވަނީ ބޭކާރުވެފައެވެ.

އާޖެންޓީނާއިން އަނބުރާ މެޗުގެ ތެރެއަށް ވަނީ 79 ވަނަ މިނެޓުގައެވެ. ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖެހި ލަނޑުން ނަތީޖާ 2-1 އަށް ބަދަލުވެ، އާޖެންޓީނާއަށް އުންމީދު އާވިއެވެ. އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 83 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި އާޖެންޓީނާއިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މިސްރުގެ އެޓޭކެއް ހުއްޓުވުމަށްފަހު އުފެއްދި ކައުންޓާ އެޓޭކެއްގައި އެންޒޯ ފެނާންޑޭޒް ބޮލުން ޖެހި މި ލަނޑާއެކު، އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މޮޅެއް ހޯދާފައެވެ.

މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މޮޅު ކުޅުމެއް ދެއްކި މިސްރު ވަނީ މުބާރާތުން ކަޓާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450