Ads by Farudhun

ޚަބަރު

ފުރަތަމަ ބައިނަލްއަގުވާމީ އިސްލާމީ ތަހުޒީބުގެ ފޯރަމްގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގެންފި

ފުރަތަމަ ބައިނަލްއަގުވާމީ އިސްލާމީ ތަހުޒީބުގެ ފޯރަމްގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގެންފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 10:44

08 ޖުލައި 2026، 10:44

ހުލާސާ


އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ ފުރަތަމަ ބައިނަލްއަގުވާމީ އިސްލާމީ ތަހުޒީބުގެ ފޯރަމްގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެން، އިސްލާމީ ތަމައްދުނާއި އިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ތަގުރީރު ކުރައްވައިފިއެވެ.

މި ފޯރަމްގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވަޒީރު ވަނީ އިސްލާމީ އުންމަތުގެ މުސްތަގުބަލު ބިނާކުރުމުގައި އިލްމު އާލާކުރުމާއި އަމިއްލަ ވަންތަކަން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރުގެ ތަގުރީރުގައި ކީރިތި ގުރުއާނުގެ ފުރަތަމަ އާޔަތަށް އިޝާރާތް ކުރައްވައި ވިދާޅުވީ، "ކީރިތި ގުރުއާނުގައި އެންމެ ފުރަތަމަ ބާވާލެއްވި ބަހަކީ އިލްމަށް ގޮވާލެއްވި ބަހެއް ކަމަށާއި، އިލްމަކީ ތަހުޒީބުގެ ބިންގާ" ކަމަށެވެ. އަދި އިލްމުގެ ސަބަބުން ގައުމުތައް ކުރިއަރައި، މުސްތަގުބަލުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އުޒްބެކިސްތާނަކީ އިސްލާމީ ތަހުޒީބުގެ ބޮޑު މަރުކަޒެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އިމާމް އަލް-ބުޚާރީ، އިމާމް އައް-ތިރްމިޛީ އަދި އިމާމް އަލް-މާތުރީދީ ފަދަ ބޮޑެތި އިލްމުވެރިންނަކީ މުޅި އިސްލާމީ އުންމަތުގެ ފިކުރީ އަދި ރޫހާނީ ތަރިކަ ބައްޓަންކުރެއްވި ބޭފުޅުން ކަމަށެވެ. ވަޒީރު ވަނީ އިމާމް އަލް-ބުޚާރީ ގާއިމުކުރެއްވި ސައިންޓިފިކް މެތޮޑޮލޮޖީގެ ސަބަބުން ކީރިތި ރަސޫލާގެ ސުންނަތް ރައްކާތެރިވެ، އިސްލާމީ އިލްމީ ދިރާސާތަކުގެ ބިންގާ އެޅިގެންދިޔަކަން ފާހަގަކުރައްވާފައެވެ.

އުޒްބެކިސްތާނުގެ ރައީސް ޝަވްކަތު މިރްޒިޔޮޔޭވްގެ ތަސައްވުރަށް ތައުރީފު ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، "އުޒްބެކިސްތާނުން ދައްކައިދެނީ އިސްލާމީ އަގުތަކާއި ޒަމާނީ ތައުލީމީ އިސްލާހުތައް އެކުލެވިގެންވާ ކާމިޔާބު ނަމޫނާއެއް" ކަމަށެވެ. އަދި އިސްލާމީ ތަރިކައަކީ ހަމައެކަނި މާޒީގެ ހަނދާނެއް ނޫން ކަމަށާއި، އެއީ އާ އީޖާދުތަކާއި އިސްލާހީ ބަދަލުތަކަށް އޮތް ދިរިހުރި ހިތްވަރެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން ވަޒީރު ވަނީ، އިސްލާމީ ސައްހަ އިލްމާއި، ހިކުމަތްތެރި ފިކުރާއި، އަދި އަހުލާގީ މިންގަނޑުތަކުގެ ތެރެއިން މަސައްކަތްކުރާނެ އިލްމުވެރިންނާއި ލީޑަރުން ބިނާކުރުމަކީ އެންމެންގެ ގުޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. މިއީ މުޖުތަމައުގެ ހަމަޖެހުމާއި ފިކުރީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450