ޚަބަރު
ޞިއްޙީ ދާއިރާގެ ބަޖެޓް ބޮޑުކުރަނީ އެއީ ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއްކަމަށް ދެކޭތީ: ވަޒީރު ގީލާ
ޞިއްޙީ ވަޒީރު ގީލާ ޢަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް
ސަރުކާރުން ޞިއްޙީ ދާއިރާއަށް ކަނޑައަޅާ ބަޖެޓު އަހަރަކަށްވުރެ އަހަރެއް ބޮޑުކުރަމުންދަނީ، ރައްޔިތުންގެ ޞިއްޙީ ފަރުވާއަށް ކުރާ ހޭދައަކީ ފައިސާއިން އަގުމަގު ކުރެވޭނެ އެއްޗަކަށްވުރެ ބޮޑަށް ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޞިއްޙީ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ގީލާ ވިދާޅުވީ ރައްޔިތުންގެ ޞިއްޙަތު ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. އަދި ދައުލަތުން ކުރާ މި ހޭދައަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާކުރުމަށްޓަކައި ކުރާ އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި އިންވެސްޓްމަންޓު ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާއަށް ކުރާ ހޭދަ އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ވަަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި 1.7 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، 2026 ވަނަ އަހަރަށް މި އަދަދު 1.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މީހުންގެ އަދަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އާސަންދައިގެ ދަށުން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުކުރެވިފައިވާ ކަމަށެވެ.
"2023 ވަނަ އަހަރާ އަޅާބަލާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުންގެ މަދުވުން ހިސާބުތަކުން ދައްކާ. އެހެންނަމަވެސް، މިއައި ބޮޑެތި ތަފާތު ބޮޑުތަނުން ނުފެންނަ މައިގަނޑު ސަބަބަކީ، ކެންސަރު ބަލިތަކަށް ރާއްޖެއިން ބޭރަށް ފޮނުވޭ ބަލިމީހުންގެ އަދަދު އިތުރުވަމުން އައިސްފައިވާތީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ގީލާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ކެންސަރު ބަލި ފިޔަވައި އެހެނިހެން ބަލިތަކަށް ރާއްޖެއިން ބޭރަށް ރިފަރކުރެވޭ މީހުންގެ އަދަދު 2023 އާ އަޅާބަލާއިރު 2025 ވަނަ އަހަރު 821 މީހުން ވަނީ މަދުވެފައެވެ. މިއީ ރާއްޖޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ގީލާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ސްޕެޝަލިސްޓް ފަރުވާތަކާއި، ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ޚިދުމަތްތައް ހޯދުމަށް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.