ކޮލަމް
ލިޔުންތެރިކަމަކީ ސިކުނޑީގެ ޝިފާއެއް
ލިޔުންތެއްރިއެއް ލިޔަނީ
ލިޔުންތެރިކަމަކީ އިންސާނީ ވިސްނުން ބައްޓަންކޮށް، އިންގިލާބުތަކަށް މަގުފަހިކޮށްދީ، ތާރީޚު ރައްކާތެރިކޮށް، އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ވަރުގަދަ ހަތިޔާރެކެވެ. އެއީ ވާހަކައެއް ކަމުގައި ވިޔަސް، ނޫސް ރިޕޯޓެއް ކަމުގައި ވިޔަސް، ނުވަތަ އަމިއްލަ ޑައިރީއެއްގައި ލިޔާ ކުޑަ ނޯޓެއް ކަމުގައި ވިޔަސް، ލިޔުންތެރިކަމަކީ މުއާމަލާތް ކުރުމާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމާއި، އިސްލާހީ ބަދަލުތައް ގެނައުމަށް އިންސާނުންނަށް ލިބިފައިވާ އެންމެ މަތިވެރި އެއް ވަސީލަތެވެ. ނަމަވެސް، ލިޔުންތެރިކަމަކީ ހަމައެކަނި ގަނޑެއްގައި ލަފުޒުތަކެއް އަތުރާލުމެއް ނޫނެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، އުފެއްދުންތެރިކަން ހުޅުވައިދީ، އަމިއްލަ ނަފްސު ދެނެގަތުމަށް އެހީތެރިވެދޭ ބާރެކެވެ.
ލިޔުންތެރިކަމަކީ ސިކުނޑީގެ ޝިފާއެކެވެ.
ނަފްސާނީ މާހިރުން ދެކޭގޮތުގައި އަމިއްލަ އިހުސާސްތަކާއި ޚިޔާލުތައް ތެދުވެރިކަމާއެކު ލިޔުމަކީ ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދީ، މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ. ދިރިއުޅުމުގެ ދަތި ތަޖުރިބާތަކާ ކުރިމަތިލާއިރު، އެ ވާހަކަތައް ލިޔުމުން ބޭރުކޮށްލުމަކީ ނަފްސަށް ލިބޭ ބޮޑު ލުޔެކެވެ. ވާހަކަ ދެއްކުމާ ޚިލާފަށް، ހުދު ކަރުދާސްގަނޑަކީ އެއްވެސް މީހެއްގެ ފާޑުކިޔުމެއް ނެތި، ތިމާގެ ހިތުގެ ޝުއޫރުތައް ބޭރުކޮށްލުމަށް އޮތް މިނިވަން މައިދާނެކެވެ.
ލިޔުންތެރިން ލިޔަނީ ކީއްވެގެން ހެއްޔެވެ؟
އިނގިރޭސި މަޝްހޫރު އަދީބު ޖޯޖް އޯވެލް ބަޔާންކުރައްވާ ގޮތުގައި، ލިޔުންތެރިން ގަލަން އުފުލަނީ މައިގަނޑު ހަތަރު މަގުސަދެއް ހާސިލުކުރުމަށެވެ. އެއީ އަމިއްލަ ނަފުސުގެ ޝުއޫރުތައް ފާޅުކުރުމާއި، ފަންނީ ރީތިކަމަށް ލޯބިކުރުމާއި، ތާރީޚީ ހަގީގަތްތައް ރައްކާތެރިކުރުމުގެ އިތުރުން، ދުނިޔެއަށް ނުފޫޒު ފޯރުވުމެވެ. ޖޯން ޑިޑިއަން ފަދަ ލިޔުންތެރިންގެ ނަޒަރުގައި، ލިޔުންތެރިކަމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަމިއްލަ ނަފުސު ދެނެގަތުމަށް މަގުފަހިކޮށްދޭ ލޯގަނޑެކެވެ. ހަމައެއާއެކު، ޖޭމްސް ބޯލްޑްވިން ގަބޫލުކުރެއްވި ގޮތުގައި ލިޔުންތެރިއެއްގެ އެންމެ އިސް ވާޖިބަކީ، ކިތަންމެ ހިތްދަތި ހަގީގަތެއް ކަމުގައި ވިޔަސް، ތެދުބަހުން ކަންކަން ހާމަކުރުމެވެ.
މޮޅު ލިޔުންތެރިކަމެއް ފެށެނީ ތެދުވެރިކަމުންނެވެ.
ގިނަ ލިޔުންތެރިންނަށް ހީވަނީ ފުރަތަމަ ލިޔާ ލިޔުންވެސް ފުރިހަމަވާންޖެހޭނެ ކަމަށެވެ. ނަމަވެސް އާނަސްޓް ހެމިންގްވޭ ފަދަ މަޝްހޫރު ލިޔުންތެރިން ބުނަނީ ލިޔުމަކީ ކުޅަދާނަކަން ދައްކާލުމަށްވުރެ ބޮޑަށް، ކުރިއަށްދާ މަރުހަލާއެއް ކަމަށެވެ. އެންމެ ފުރަތަމަ ލިޔާ ލިޔުން ފުރިހަމަނުވިޔަސް، އޭގައި އޮންނަންވީ ތެދުވެރިކަމެވެ. އުފެއްދުންތެރިކަން އިތުރުވަނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ލިޔުމުގެ އާދަ ހަރުލެއްވުމުންނެވެ.
ޓެކްނޮލޮޖީގެ ސަބަބުން ލިޔަން ފަސޭހަވެފައިވީ ނަމަވެސް، އަތުން ލިޔުމަކީ ސިކުނޑީގެ މަސައްކަތް ހަލުވިކޮށްދީ، ހަނދާން ވަރުގަދަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ލިޔަން ބޭނުންކުރަނީ ކީބޯޑެއް ކަމުގައި ވިޔަސް ނުވަތަ ގަލަމެއް ކަމުގައި ވިޔަސް، އެންމެ މުހިންމު ކަމަކީ ލިޔުމަށް ވަގުތު ހުސްކުރުމެވެ. ލިޔުމަކީ ހަމައެކަނި ލަފުޒުތަކެއް ނޫނެވެ. އެއީ ތާރީޚު ލިޔެދޭ، އިންސާފު ހޯދައިދޭ، އަދި ސަގާފަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ އަމާނާތެކެވެ.
މިއަދުވެސް ލިޔަން ފަށާށެވެ.
ދިރިއުޅުމުގެ އުފާވެރި ވަގުތުތަކާއި، ބިރުގަންނަ ކަންކަމާއި، ހުވަފެންތަކާ މެދު ލިޔާށެވެ. ލިޔާ ކޮންމެ ޖުމްލައަކީ ތިމާގެ ވިސްނުން ސާފުކޮށްދީ، އަމިއްލަ ނަފްސު އިތުރަށް ދެނެގަތުމަށް ލިބޭ ފުރުސަތެކެވެ. ލިޔުންތެރިކަމަކީ ހަމައެކަނި ވާހަކަ އުފެއްދުމެއް ނޫނެވެ. ބައެއް ފަހަރު، އެއީ ތިމާގެ އަމިއްލަ ނަފްސު ހޯދުމުގެ ދަތުރެކެވެ.