Ads by Farudhun

ޚަބަރު

ރާއްޖޭގައި ޕޯސްޓްމޯޓަމް ޚިދުމަތްދެވޭ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ޕޯސްޓްމޯޓަމް ޚިދުމަތްދެވޭ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

ވަޒީރު ގީލާ ޢަލީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 01:16

08 ޖުލައި 2026، 01:16

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދެވޭގޮތަށް، ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ މިއަދު ހާމަކުރައްވައިފިއެވެ.

 ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި ޔުނިޓު ޤާއިމްކުރުމުގެ މަސައްކަތް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން މިހާރު ކުރަމުންދާ ކަމަށެވެ. މި ޔުނިޓު ޤާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ޚިދުމަތާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޚިދުމަތަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ.

މި ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ" ކަމަށެވެ. މީގެ އިތުރުން ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމުގެ ޚިދުމަތްވެސް މި ޔުނިޓުން ލިބޭނެއެވެ.

ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމަކީ 2015 ވަނަ އަހަރުން ފެށިގެން ޤާނޫނުގައި އޮތް ކަމެއް ނަމަވެސް، މީގެ ކުރިން އެކަން ޤާއިމްކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމަށް 23 ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެއިން ކޮންމެ ފަހަރަކު ގާތްގަނޑަކަށް 55,000 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލައި ގެޒެޓްކުރާނެ ކަމަށާއި، މި ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ ކަމެއްކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450