ކުޅިވަރު

މިސްރު މުބާރާތުން ކެޓީ ބޮޑު ބޭއިންސާފަކުން، ދެން ވޯލްޑް ކަޕެއް ނުބަލާނަން: ކޯޗު ހުސާމް ހަސަން

މިސްރު މުބާރާތުން ކެޓީ ބޮޑު ބޭއިންސާފަކުން، ދެން ވޯލްޑް ކަޕެއް ނުބަލާނަން: ކޯޗު ހުސާމް ހަސަން

ކޯޗް ހަސަން ރެފްރީ އާއެކު. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 02:25

08 ޖުލައި 2026، 02:25

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އަތުން 3-2 އިން ބަލިވެ މިސްރު މުބާރާތުން ކެޓުމާ ގުޅިގެން، އެ ޓީމަށް ބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާ ކަމަށް ބުނެ މިސްރުގެ ކޯޗު ހުސާމް ހަސަން ރެފްރީންނާއި ވީއޭއާރު (VAR) އަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމެރިކާގެ އެޓްލާންޓާގައި ކުޅުނު މި މެޗުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ބުނީ އޭނާގެ ޓީމަށް މަކަރު ހަދާފައިވާ ކަމަށާއި، މިސްރު ޓީމަށް ކުރިމަތިވީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން މިއީ ނަސީބު ދެރަވުން ކަމަށް ބުނާކަށް. މިއަދު އަހަރެމެންނަށް އޮޅުވާލައި، ބޮޑު ބޭއިންސާފެއް ވަނީ ކުރިމަތިވެފައި،"

ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެ ހަސަން ބުންޏެވެ.

ވީއޭއާރުގެ ނިންމުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް

މި މެޗުގައި މިސްރުން 1-0 އިން ކުރީގައި އޮއްވައި އެ ޓީމުގެ މުސްތަފާ ޒިކޯ ޖެހި ލަނޑެއް ވީއޭއާރުން ބަލާ، ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. އެ ލަނޑު ބާތިލްކުރީ ހަމަލާ އުފެދުމުގެ މާ ކުރިން އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒް އަށް ފައުލް ކުރި ކަމަށް ނިންމުމަށްފަހުއެވެ. އޭގެ ފަހުން ޒިކޯ އިތުރު ލަނޑެއް ޖަހައި މިސްރަށް 2-0 ގެ ލީޑެއް ހޯދައިދިން ނަމަވެސް، އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ އާއި ލިއޮނަލް މެސީގެ ލަނޑުތަކުން ނަތީޖާ ހަމަހަމަވިއެވެ. މެސީ މި ލަނޑު ޖެހީ މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުވެފައި ވަނިކޮށެވެ.

މެޗުގެ ނަތީޖާ ބަދަލުކޮށްލި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ލަނޑު އުފެދުނުއިރު، އާޖެންޓީނާގެ އޭރިއާ ތެރެއިން އެލެކްސިސް މެކް އެލިސްޓާ މިސްރުގެ ހަމްދީ ފަތުހީގެ ޖާޒީއަށް ދަމައި ފައުލް ކުރި ނަމަވެސް ވީއޭއާރުން އެކަން ބަލާފައި ނުވާތީ ހަސަން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެންނަށް ފެނުނީ އިހުތިރާމެއް ނެތް ތަން. ޕެނަލްޓީއެއް ވީއޭއާރުން ނުބަލާ، ދެވަނަ ލަނޑެއް ބާތިލްކުރީ ހައިރާންވާ ފަދަ ގޮތަކަށް،"

 ހަސަން ބުނެޏެވެ.

ހަސަން ތުހުމަތު ކުރި ގޮތުގައި ރެފްރީންނަށް ވަނީ ދުނިޔޭގެ ޗެމްޕިއަނުންނާއި މެސީ ފަދަ ތަރިން މުބާރާތުގައި ބެހެއްޓުމަށް ފިއްތުންތައް ކުރިމަތިވެފައެވެ.

"ފަހަރެއްގައި އެމީހުން ބޭނުންވީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބައިތިއްބަން. މެސީ މުބާރާތުގައި ކުރިއަށްދާން އެމީހުން ބޭނުންވީ ކަމަށް ވެދާނެ، މި ބޭއިންސާފާ ހުރެ ދެން ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ނުބަލާނެ ކަމަށްވެސް"

ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މީގެ އިތުރުން މެޗު ކުޅުނު ވަގުތާ މެދުވެސް ހަސަން ވަނީ ޝަކުވާ ކޮށްފައެވެ. މެންދުރު 12 ޖެހިއިރު މެޗު ތާވަލުކުރުމަކީ ފުޓްބޯޅަ ކުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިންގެ ކެއުމާއި ތައްޔާރުވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، މިސްރު ލީގުގެ ކުޅުންތެރިންނާއެކު ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރެވޭ ފެންވަރު ދެއްކުމުން ހަސަން ވަނީ އޭނާގެ ކުޅުންތެރިންނަށް ތައުރީފު ކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450