Ads by Farudhun

ޚަބަރު

ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ވަރެއް ނުވޭ: ވަޒީރު ގީލާ

ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ވަރެއް ނުވޭ: ވަޒީރު ގީލާ

ވަޒީރު ގީލާ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޖުލައި 2026، 02:26

08 ޖުލައި 2026، 02:26

ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ނުދާ ކަމަށާއި، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިދިޔަ މޭ މަހުން ފެށިގެން މި ބަލީގެ ކޭސްތަކެއް ވަނީ ފެންނަން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.

"ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔަކަށްވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ވަރަށް ކުރުވާނެ. އެހެންކަމުން މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު ނުވަތަ ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން"

 ވަޒީރު ޤީލާ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 99 އިންސައްތަ މީހުން ހިމަބިއްސަށް ވެކްސިން ޖަހާފައިވުމަކީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާ ސަބަބެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައެއް މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގެ ސިއްޙީ މަރުކަޒުތަކުގައި ޓެސްޓު ކިޓުތައް އެބަހުރި ކަމަށާއި، ބައެއް ފަހަރު ބޭރުން ގެންނަން ޖެހުމުގެ ސަބަބުން ލަސްވި ނަމަވެސް ކިޓުތައް ހުސްނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މޭ މަހުން ފެށިގެން މިހާތަނަށް 121 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. އެޗްޕީއޭއިން ދަނީ ކޮންޓެކްޓް ޓްރޭސިންގް ހަދައި، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދެމުންނެވެ. އެގޮތުން މިހާތަނަށް 5,495 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ގައިގައި ރަތް ބިހި ނެގުމާއި، ހުމާއި ރޯގާ ޖެހި ލޯ ރަތްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ބަލީގެ ހާލަތުގެ އިތުރު ތަފްސީލްތައް މަޖިލީހާ ވަކިން ހިއްސާ ކުރައްވާނެއެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450