ޚަބަރު
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނިން ހައުސިން މަޝްރޫޢެއް ހިންގަނީ
ހައުސިން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަނީ / ފޮޓޯ: އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) ގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ. މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތާއި، ހައުސިންގ ޔުނިޓުތަކުގެ އަދަދާ ގުޅޭ އިތުރު ތަފްސީލެއް ދެ ކުންފުނިންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޭނުންވާ ހައުސިންގ ޔުނިޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނީގެ އައު އޮފީސް އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޅާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި އޮފީސް އިމާރާތް ނިމުމުން މިހާރު އެކި ތަންތަނުގައި ކުންފުނީގެ ޚިދުމަތްތައް ބަހާލެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. އަދި އެއް ފުރާޅެއްގެ ދަށުން ކުންފުނީގެ ހުރިހާ ޚިދުމަތްތަކެއް ދެވި، މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މުވައްޒަފުންގެ ލާބަޔާއި މަންފާއަށް އައިލެންޑް އޭވިއޭޝަނުން ފަށާފައިވާ މި މަޝްރޫޢަކީ އެ ކުންފުނީގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.