ކުޅިވަރު / ޚަބަރު

ޗައިނާއިން ގިނަ ބާވަތްތަކެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި

ޗައިނާއިން ގިނަ ބާވަތްތަކެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި

ޗައިނާއިން ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޖުލައި 2026، 10:10

08 ޖުލައި 2026، 10:10

ޗައިނާ ސަރުކާރުގެ އެހީގައި ގިނަ ބާވަތްތަކެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރުމަށްޓަކައި މާލޭގެ "ޔޫތު ހަބް" ގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ތަކެތި ހަވާލުކުރުމުގެ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ލިޔުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމުގެ ދަށުން ލިބުނު މުހިންމު އެހީއެކެވެ. އަދި މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ބާވަތްތަކުގެ ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450