ޚަބަރު
މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި
ޖުޑިޝަލް ސާރވިސް ކޮމިޝަން---
ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ، މަޤާމުގެ މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީއިން ހާމަކޮށްފައިވާ ގޮތުގައި، އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. މިގޮތުން، މައްސަލައިގެ ބާވަތަށާއި ތަހުޤީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ މަސައްކަތުން ދުރުކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ޖޭއެސްސީގެ މި އަހަރުގެ 22 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުމާ އެކު، 60 ދުވަހުގެ މުއްދަތަށް އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ވަނީ މަޤާމުގެ މަސައްކަތުން ދުރުކުރެވިފައެވެ.
ނަމަވެސް، ޢަލީ މުސްތަފާއާ ގުޅޭގޮތުން ތަހުޤީޤު ކުރަމުންދަނީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ޖޭއެސްސީއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ޤާނޫނުއަސާސީގެ ދަށުން ޖޭއެސްސީއަށް މަތިކޮށްފައިވާ ޒިންމާއެކެވެ. މީގެ ކުރިންވެސް އެކި ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އެ ކޮމިޝަނުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.