ޚަބަރު
އަންނަ އަހަރުގެ ޖުލައިއަށް 129 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ނިންމަނީ
ދިއްފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއެޅުން. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މަސައްކަތް ކުރިއަށްދާ ގޮތާއި ހަވާލުކޮށްފައިވާ ފަރާތްތައް
މި މަޝްރޫޢުގެ ދަށުން ޖުމްލަ 129 ރަށެއްގެ މަސައްކަތް ކުރިއަށްދާއިރު، މީގެ ތެރެއިން 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއެވެ. ބާކީ 19 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުނިތަކާއެވެ.
ދިމާވާ ގޮންޖެހުންތަކާއި ޚަރަދުތައް
ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، މަސައްކަތް ނިންމުމުގައި ފައިނޭންސްގެ ދަތިތަކާއި މަރުކަޒުތަކުގެ ލޮކޭޝަން ބަދަލުކުރަން ޖެހުން ފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
"ލޮކޭޝަން ބަދަލުކުރީމަ އައު ކުނިކޮށްޓެއްގެ ކޯސްޓް އެ އަންނަނީ. ލޮކޭޝަން ބަދަލުކޮށްފައި އަޅުގަނޑުމެން އަލުން ޑިޒައިން ކުރީމަ ކޯސްޓް އެބަ އަރާ 3.5 ނުވަތަ ހަތަރު މިލިޔަނަށް. އެގޮތަށް ރިކުއެސްޓެއް އައިމަ އަޅުގަނޑުމެން އެބަ ޖެހޭ އެ ކޯސްޓް އަޅުގަނޑުމެން ހޯދާނީ ކިހިނެއް ތޯ ބަލަން،" މުރުތަޟާ ވިދާޅުވިއެވެ.
މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް
ރަށު ފެންވަރުގެ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 28 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކޮށް ނިމިފައިވާކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން 82 ރަށަކަށް ކުނި މެނޭޖްކުރާ އާލާތްތައް ފޯރުކޮށްދީފައިވާއިރު، 92 ރަށަކަށް ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ވަނީ ފޯރުކޮށްދީފައެވެ. އަދި 6 ރަށެއްގައި ކާދު ހަދާ ޓެކްނޮލޮޖީ އިންސްޓޯލްކޮށް މިހާރު ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މި ވަށާޖެހޭ ނިޒާމުގެ ސަބަބުން، އަތޮޅުތަކުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.