ޚަބަރު
ހިސާބު މައްދާއާއި މެދު ކުދިންގެ މެދުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ފަސްޓް ލޭޑީ
ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ހިސާބު މައްދާއާއި މެދު ކުދިންގެ މެދުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މުޅިދުނިޔެ ގުޅިލާމެހިފައިވާއިރު، ކުރިއަށް އޮތް ޖީލުތަކުން ދުނިޔޭގައި އުޅުމަށް ޓަކައި ހިސާބަކީ ނުހަނު މުހިންމު މާއްދާއެއްކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ވިދާޅުވީ، ހިސާބަކީ އެތައް ދާއިރާއެއްގެ ފައުންޑޭޝަން ކަމަށެވެ. އެގޮތުން ސައިންސާއި، ޓެކްނޮލޮޖީއާއި، ފައިނޭންސް އަދި މިނޫންވެސް ދާއިރާތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާއިރު، ހިސާބު މާއްދާގެ ހުނަރުތައް ކުރިއަށް އޮތް ޖީލުތަކަށް ނުހަނު މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން، ހިސާބު މާއްދާއިން ދެވޭ ތައިލީމު ހަރުދަނާކުރުމަކީ ހަމައެކަނި ކިޔެވުމާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، މިއީ ކުރިއަށް އޮތް މުސްތަޤްބަލުގައި ރާއްޖޭގެ ކުރިއެރުމަށް ވެވޭ އިންވެސްޓްމެންޓެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ނަމަވެސް މިކަމަށް އޮތް ގޮންޖެހުމަކީ ކުދިންނަށް ހިސާބު މާއްދާ ވަރަށް އުނދަގޫ މާއްދާއަކަށްވެފައި އޮންނަ އޮތުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ހިސާބަކީ އެކުދިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި އަޅާބަލާއިރު، ނަގައިގަންނަން އުނދަގޫ އެއްޗެއްގެ ގޮތުގައި އެކުދިންނަށް ފެންނަތީ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވިސްނުންތެރިކަމާއެކު ބޭނުން ހިފޭ ވަސީލަތެއްގެ ބަދަލުގައި، އެކުދިންނަށް ހިސާބު މާއްދާ ފެނިގެންދަނީ ފޯމިއުލާތަކަކާއި، ކަލްކިއުލޭޝަންތަކެއްގެ ސިފައިގައި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ހަނދާންކުރަންވީ ކިޔަވައިދިނުމުގެ ނިޒާމަކީ އަބަދުވެސް ބަދަލުތަކެއް އަންނަންޖެހޭ ނިޒާމެއްކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހިސާބު މައްދާއާއި މެދު ކުދިންގެ މެދުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ވިދާޅުވީ، ތަޢުލީމު އިތުރަށް މާނަކުރުމަށާއި، އަދި ދިރިއުޅުމާ ގުޅިގެންދާނެ ގޮތްތައް ހޯދުމަށް އާ އުސޫލުތައް ހޯދަން ޖެހޭ ކަމަށެވެ.
" ދަރިވަރުންނަށް ހިސާބު މުހިންމުވަނީ ކީއްވެ ކަމާއި، އަދި އެކުދިންގެ ދިރިއުޅުމާ ހިސާބު ގުޅިގެންދަނީ ކިހިނެއްކަން އަންގައިދީފިނަމަ އެ މާއްދާއަށް އެކުދިން ބޮޑަށް ޝައުޤުވެރިވެ، އެ މާއްދާ އިތުރަށް އުނގެނުމަށް ހިތްވަރުލިބިގެންދާނެ"
ފާސްޓް ލޭޑ ވިދާޅުވިއެވެ.
އަދި މީގެ ސަބަބުން، އެކުދިން އުނގެނުމުގެ ތެރެއިން ހޯދާ އިލްމު، މާނަހުރި ގޮތްތަކަށް ބޭނުންކުރުމަށއިތުރު ޤާބިލުކަމެއް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.