Ads by Farudhun

ޚަބަރު

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފެށުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2026، 02:18

09 ޖުލައި 2026، 02:18

އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ، ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

 މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 7 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަލީގެ ހާލަތާއި މިހާތަނަށް ކުރެވުނު މަސައްކަތް
ބަލީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 121 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 55 ކޭސް ފެނިފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ. ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ މިހާރު ވަނީ ނިންމާފައެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، އަލުން ބަލި ފެންނަން ފެށުމާ ގުޅިގެން އެޗްޕީއޭއިން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން 220 މީހަކަށް ވެކްސިން ދީފައިވާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ސިއްހީ ހިދުމަތްތެރިންނަށް ވެސް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ލިބޭނެ މަރުކަޒުތައް
މާލޭ ސަރަހައްދުގައި އެމްއާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަކީ: ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އެވެ. އަތޮޅުތަކުގައި ވެކްސިން ދޭ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން ވަކިން އިއުލާނު ކުރާނެއެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. "ފަރުވާ ހޯދަން ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރެއްވުމަށް" އެޗްޕީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450