ޚަބަރު
ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވޭ - ކައުންސިލު އޮޑިޓް ރިޕޯޓް
މާލެ ސިޓީ ހޯލް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
މާލެ ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ކުރިއަށްގެންދިޔަ ޕްރޮކިއުމަންޓް މުއާމަލާތްތަކުގައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް، އެކަކު އަނެކަކާ ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވާކަން އެ ކައުންސިލުން ހެދި އިންޓާނަލް އޮޑިޓަކުން ހާމަވެއްޖެއެވެ.
މި އަހަރު އަލަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލުގެ އިރުޝާދުގެ ދަށުން ތައްޔާރުކުރި މި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2020 ވަނަ އަހަރު ކައުންސިލުން ކޮށްފައިވާ މާލީ މުއާމަލާތްތަކުގެ ތެރެއިން ސާމްޕަލްގެ ގޮތުގައި 35,000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓް ވައުޗަރެއް ވަނީ ބަލާފައެވެ. މީގެ ތެރެއިން 27 ވައުޗަރަކަށް ކޯޓޭޝަން ހޯދާފައިވަނީ އޭގެ ޒާތުގައި އެއްބަޔަކާ ގުޅުންހުރި ވިޔަފާރިތަކުންނެވެ.
އޮޑިޓުން ހާމަވި ގޮތުގައި މިގޮތަށް ކޯޓޭޝަން ހޯދާފައިވަނީ އެއް ކުންފުންޏެއްގެ ދަށުން ހިންގާ ދެ ފިހާރައަކުން ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ އަމިއްލަ ވަކިވަކި ވިޔަފާރިތަކުންނެވެ. މިގޮތަށް އަމަލުކޮށްފައިވާ 27 ވައުޗަރުގެ ޖުމްލަ އަގު 732,043.86 (ހަތްލައްކަ ތިރީސް ދެހާސް ސާޅީސް ތިން ރުފިޔާ އަށްޑިހަ ހަ ލާރި) އަށް އަރައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގުޅުންހުރި ފަރާތްތަކުން ކޯޓޭޝަން ހޯދުމުގެ ސަބަބުން ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އޮންނަންޖެހޭ ވާދަވެރިކަން ގެއްލިގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދައުލަތަށް އިގުތިޞާދީ ގޮތުން އެންމެ ފައިދާހުރި އަގުގައި ތަކެތި ނުވަތަ ޚިދުމަތް ހޯދުމުގެ ފުރުސަތު ހަނިވެ، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މަގުފަހިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓުން ލަފާދީފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ހާމަކަން ބޮޑު އަދި ވާދަވެރި މާހައުލެއްގައި މުއާމަލާތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ދައުލަތުގެ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާއެކު ޕްރޮކިއުމަންޓްގެ ކަންކަން ތަރުތީބުކުރުމަށްވެސް ވަނީ އަންގާފައެވެ.
މި އޮޑިޓުން ފާހަގަވި މައްސަލަތައް ހިނގާފައިވަނީ ކުރީގެ މޭޔަރު ޝިފާ މުޙައްމަދުގެ ދައުރުގައެވެ. ޝިފާގެ މޭޔަރުކަމުގައި ލޮނުޒިޔާރަތްކޮޅު އަޑިޕާކު ތަރައްގީކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވި ނަމަވެސް، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.
އޭރު އޮތް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިފަދަ އެތައް ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާކަން މީގެ ކުރީގެ އޮޑިޓް ރިޕޯޓްތަކުން ހާމަވެފައިވެއެވެ.