ޚަބަރު
ބާރަށު ޝުޖާޢުގެ އަމިއްލަ ޚަރަދުގައި ބާރަށު ސްކޫލުގެ "އިހުމާލަމް" ޒަމާނީ ފެންވަރަށް ތަރައްޤީކުރަނީ
މަސައްކަތަށް ބޭނުންވާ ތަކެތި ބޯޓަށް އެރުވުމަށް މާލޭ ނޯތު ހާބަރަށް ގެންގޮސްފައި---
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުގެ އަމިއްލަ ޚަރަދުގައި، އެ ރަށު ސްކޫލުގެ "އިހުމާލަމް" ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ބާރަށު ސްކޫލުގެ އިހުމާލަމަކީ އެ ރަށުގައި ސަރުކާރުން ތަޢުލީމު ދޭން ފެށިތާ 31 އަހަރު ވެފައިވާ އިމާރާތެކެވެ. މީގެ ކުރިން ބާރަށުގެ ދެ އަވަށުގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގި މަކްތަބުތަކަށްފަހު، ސަރުކާރުން ތަޢުލީމު ދޭން ފެށީ މި މާލަމުގައެވެ. 12 ކްލާސް ރޫމުގެ އައު އިމާރާތް ބިނާކުރުމުގެ ކުރިން، މި މާލަމަކީ ޕާޓިޝަން ޖަހައިގެން ކަޅުބޯޑުގައި ޗޯކުން ލިޔެގެން ދަރިވަރުންނަށް އުނގަންނައިދިން މައި މަރުކަޒުކަމަށް ޝުޖާއު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވެއެވެ.
މިއަދު ސްކޫލުގެ ހޯލެއްގެ ގޮތުގައި ބޭނުންކުރަމުންދާ މި އިމާރާތަކީ ޒަމާނާ އެއްގޮތަށް ތަރައްޤީނުކުރެވި، ކުރީގެ ސީލިންގާއި ފަންކާ ބޭނުންކުރަމުންދާ، އަދި ތަށިމުށިވެސް ނުޖަހާ އޮތް ތަނެކެވެ.
މެންބަރު ޝުޖާޢު މި މަސައްކަތް ފެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ކޫލް ސްކޫލް" ޕްރޮގްރާމުގެ ދަށުން ބާރަށު ސްކޫލުގެ އިހުމާލަމް އެއަރކޯން ކުރުމަށް ނިންމުމާ ގުޅިގެންނެވެ. މެންބަރުގެ އަމާޒަކީ ސްކޫލަށް އައު ޒަމާނީ ހޯލެއް ލިބެންދެން، މިހާރު ހުރި މާލަމަކީ ދަރިވަރުންނަށް އެކި މުބާރާތްތަކާއި ޕްރޮގްރާމްތައް ހިންގޭނެ، އަދި ރަށުގެ ރައްޔިތުންގެ އިޖުތިމާޢީ މުނާސަބަތުތަކަށްވެސް ފުރިހަމައަށް ބޭނުންކުރެވޭނެ ފެންވަރުގެ ތަނަކަށް ހެދުމެވެ.
މި މަޝްރޫޢުގެ ދަށުން މާލަމުގައި ޖަހާނެ ތަށިމުށި، ސިމެންތި، އަދި ޒަމާނީ ޕްލާސްޓިކް ޕެނަލް ސީލިންގް އެޅުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެ ރަށަށް ފޮނުވުމަށްޓަކައި ބޯޓަށް ބަރުކޮށްފައިކަމަށް ޝުޖާއު ވިދާޅުވެއެވެ. މީގެ އިތުރުން، މާލަމުގެ ކަރަންޓް ނެޓްވޯކް އައުކުރުމަށް ބޭނުންވާ ސާމާނާއި، ޒަމާނީ ސައުންޑް ސިސްޓަމެއްގެ އިތުރުން ސްކޫލަށް ޚާއްޞަ ޕޯޑިއަމެއްވެސް ޝުޖާޢުގެ އެހީގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މެންބަރު ޝުޖާޢު ވިދާޅުވީ، ރަށުގެ ތަޢުލީމީ ދާއިރާއަށް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބާރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު މި މަސައްކަތް އަވަހަށް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.