ޚަބަރު
އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަރަދޫގައި ހުންނަ ޗަމަން ނަމަކަށް ކިޔުނު ގެއެއްގައި ކަމަށާއި، މި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، މަރަދޫ ފަޔަރ ސްޓޭޝަނުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ ރޭ 20:06 އެހާކަންހާއިރުއެވެ. އަދި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، މަރަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައިކަމަށެވެ.
އަދި ވަގުތުން އެ ސަރަހައްދުގައި އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އަލިފާންގަނޑު ނިއްވާލުވުނީ ރޭ 22:55 އެހާކަންހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އައްޑޫ ސިޓީ މަރަދޫ، ޗަމަން ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، މަރަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިhttps://t.co/asBDQcxJcJ pic.twitter.com/jFYX9X42SJ
— Maldives National Defence Force (@MNDF_Official) July 9, 2026
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.
މިއީ ކިހިނެއް ހިނގާފައިވާ ހާދިސާއެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވުއެވެ.