Ads by Farudhun

ޚަބަރު

ކީރިތި ޤުރުއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު: ހުކުރު ޚުޠުބާ

ކީރިތި ޤުރުއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު: ހުކުރު ޚުޠުބާ

ހުކުރު މިސްކިތް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ޖުލައި 2026، 01:54

10 ޖުލައި 2026، 01:54

ކީރިތި ޤުރުއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާންކަމަށެވެ. އަދި އެއީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލުކަށާއި، އެއީ ހުރިހައި ކާމިޔާބީއެއްގެ ސިއްރުކަމަށެވެ. 

އަދި އޭގެ މާނަތަކާއި މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށް ޚުތުބާގައި ބަޔާންކުރައްވާފައިވެއެވެ. އަދި ހަމައެހެންމެ، މި ފޮތަކީ ބަލިތަކަށް އޮތް ޝިފާއެއް ކަމާއި، މި މާތް ފޮތް ކިޔަވާ އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނޭކަން ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން، އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު މާތް ﷲ ދެއްވާކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ހާޒިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެކަމަށް ވެސް ޚުޠުބާގައިވެއެވެ.

މާތް ﷲ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ އޭނާގެ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި ހިތުގެ ބާރުގަދަވީ ވަރަކަށް، އޭނާގެ ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވެގެންދާކަމަށް ޚުޠުބާގައިވެއެވެ.

ޤުރުއާން ތިލާވަތުކުރުމުގެ މާތްކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ކީރިތި ޤުރްއާން ތިލާވަތުކުރުމުގައި ދެމިހުރުމަކީ، މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ހެޔޮވެގެންވާ އެއް މަގުމަކުމުގައެވެ. އަދި އެއީ މުސްލިމެއްގެ ހިތްވަރާއި ހީވާގިކަން އާލާކޮށްދީ، އިންސާނާގެ ތަޞައްވުރަށްވުރެ ބޮޑެތި ކަންކަން ޙާޞިލުކުރުމުގެ ބާރާއި ޤާބިލުކަން ލިއްބައިދޭ އަޅުކަން ކަމުގައެވެ.

އޭގެ އިތުރުން، ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއްކަމަށް ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމަށް ވިޔަސް، އިޚުލާޞްތެރިކަމާ އެކު އެމީހާ އެ ފޮތް ތިލާވަތުކުރާ ނަމަ، ކޮންމެ މީހަކަށް އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށް ޚުޠުބާގައިވެއެވެ.

ހަމައެއާއެކު، ޤުރުއާނާއިމެދު ތަޤުވާވެރިވުމަށް ޚުޠުބާގައި ގޮވާލިއެވެ. އަދި ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގަކަމަށާއި، ހުރިހާ ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައިކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450